Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ސުވާދީބު ސަރުކާރުގެ ސިޔާސަތު

ސުވާދީބު ސަރުކާރުގެ ދިދަ: މިއީ ދެކުނުގެ ހަތަރު އަތޮޅު އެކުވެގެން އުފެއްދި ސަރުކާރެއް

މިއީ ދެކުނުގެ ހަތަރު އަތޮޅު އެކުވެގެން އުފެއްދި ސުވާދީބު ސަރުކާރުގެ ރައީސް އަބްދުﷲ އަފީފު ދީދީ އިނގިރޭސިވިލާތުގެ ޓައިމްސް އޮފް ލަންޑަން ނޫހުގެ އެޑިޓަރަށް ފޮނުއްވި ސިޓީގެ ޚުލާސާ ތަރުޖަމާއެކެވެ. ޓައިމްސް އޮފް ލަންޑަނުގައި މި ސިޓީ ޝާއިއު ކޮށްފައިވަނީ މެއި 25، 1959 ގަ އެވެ.

ޓައިމްސް ނޫހުގެ އެޑިޓަރަށް

މާތްވެގެންވާ ސާހިބާ އެވެ!

ދިވެހިރާއްޖޭގެ މިއަދުގެ ސިޔާސީ މަސްރަޙާ ބެހޭ ގޮތުން ފުރައްދެ ނޫސްތަކާއި ރޭޑިއޯތަކުން އިއްވަމުންދާ ޚަބަރުތަކާއި ބަޔާންތައް އަޅުގަނޑުމެން ވަރަށް ޝައުގުވެރިކަމާއެކު ބަލަމުން އަހަމުން އެބަ ގެންދަމު އެވެ.

ވަކީން ޚާއްޞަ ގޮތެއްގައި މާލޭގެ ސަރުކާރުގެ ފަރާތުން އޮޅުދޫކަރަޔާއި ވިލާތުގެ ލަންޑަނުގައި ތިއްބަވާ ސަފީރުން ހަގީގަތާ ޚިލާފަށް ދައްކަވާ ނޭއްގާނި ވާހަކަތައްވެސް އަޅުގަނޑުމެން އަހަމުން އެބަގެންދަމުއެވެ.

މާލޭގައި ގާއިމުވެފައިވާ ބޯދާ ސަރުކާރުގެ ވެރިކަމުގެ ދަށުން ނެއްޓި އަޅުގަނޑުމެން ވަކި ވެރިކަމެއް ގާއިމް ކުރާން ޖެހުމުގެ މައިގަނޑު ސަބަބުތައް ތިރީގައި ބަޔާން ކުރާ ހުށީމެވެ.

އަޅުގަނޑުމެންގެ ރަށްތަކުގައި ދިރިއުޅޭ މީސްކޮޅަށް ކޮންމެހެން ވެސް ބެއިނުންވާ އަސާސީ ކަންތައްތައް ފުރިހަމަކޮށްދިނުމުގައި މާލޭ ސަރުކާރު އޮތީ އާފިލްކަމުގެ ނިންޖަކުން ނިދައިފަ އެވެ.
ކާބޯތަކެއްޗާއި އަންނައުނު އަދި ބޭސް ފަރުވާއާއި ތައުލީމު ކަހަލަ ކަންތައްތަކުން އަޅުގަނޑުމެން ވަނީ މަހުރޫމް ކުރެވިފަ އެވެ.

ފާއިތުވި ދުވަސްތަކުގައި އަޅުގަނޑުމެން ބައިތިއްބާފައިވަނީ އިންތިހާދަރަޖައިގެ ފަގީރުކަމާއި ވޭނުގަ އެވެ. އަޅުގަނޑުމެންގެ މަސައްކަތުން ހޯދޭ އެއްޗަކަށް ވުރެ މާލޭ ސަރުކާރަށް އަޅުގަނޑުމެން ދައްކަން ޖެހޭ ވާރު ބޮޑެވެ. ފޭރުމަކާ ދާދި އެއްކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ އަތުން އެކި ސިފަސިފައިގައި އެމީހުން ދިޔައީ ތަކެތި އަތުލަމުންނެވެ.

މި އަހަރު ފެށިގެން އައިއިރު މިދެންނެވި ވާރު އިހުނަށް ވުރެ ވެސް ހަރުކަށިކޮށް އިތުރު ދާއިރާތަކުން ވާރު އަތުލުމުގެ ގަވާއިދެއް ވަނީ ނެރެފައެވެ. އަޅުގަނޑުމެންގެ މިރަށްތަކުގައި ދިރިއުޅޭ މީސްތަކުންގެ މައްޗަށް ދުނިޔެ ދަތިވެ މާލޭ ސަރުކާރަށް ދައްކާނޭ އިތުރު ލޯ ލާރިއެއްވެސް ނެތިއްޖެ ހިނދު އަޅުގަނޑުމެންގެ މީސްތަކުން ތެދުވެ މާލޭ ސަރުކާރާ ދެކޮޅުވެރި ވެއްޖައޫ އެވެ.

މާތް ސާހިބާ އެވެ. ހަނދުމަފުޅު ބަހައްޓަވާށެވެ. ދެކުނުގެ ތިން އަތޮޅުގައި ދިރިއުޅޭ އަޅުގަނޑުމެން 18،000 މީހުންނަކީ ހައިހޫނުކަމުގެ ވޭންތައް ތަހައްމަލްކުރާ ބަލިކަށި މީހުނަށްވާއިރު އަޅުގަނޑުމެންގެ ތެރޭގައި އެންމެ ޑަކްތަރަކު ވެސް ނެތެވެ. ޑަކްތަރީ ބޭހެއް ވެސް ނުމެ ނެތްމެއެވެ.

އަޅުގަނޑުމެންގެ ރަށްތަކުގައި މަދަރުސާތަކެއް ނެތެވެ. މުވާސަލާތީ އެއްވެސް ވަސީލަތެއް ނެތެވެ. އެލެކްޓްރިކް ކަރަންޓު ފަދަ ޒަމާނީ ޚިދުމަތެއް އަމްދުން ނެތީ އެވެ. އެއްވެސް ޝައްކެއް ނެތި މިކަމުގައި ޒިންމާވާން ޖެހެނީ މާލޭ ސަރުކާރެވެ. މިއީ އެމީހުންގެ އިހުމާލެވެ.

އަޅުގަނޑުމެންގެ މިރަށްތަކުގައި ޒާތްޒާތުގެ ރޯގާތަކާއި އެތެރެވަރީގެ ހުރިހާ ބަލިމަޑުކަމެއް ވެސް ވަނީ ފެތުރިފައެވެ. ފައިބެ އަހަރުވެސް މިޒާތުގެ ނުރައްކާތެރި ރޯގާއެއްގައި އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު ވަނީ ފުރައުއްތަވެފަ އެވެ.
އަޅުގަނޑުމެން މާލޭ ސަރުކާރުގެ އެހީއަށް އެދުނީމެވެ. އެހީއެއް ފޯރުކޮށް ނުދިން ހާލު މާލޭ ސަރުކާރުގެ ފުރަމާނަ ޖަވާބެއް ކަމުގައިވީ ގުރުއާން ކިޔެވުން މަތީ ދެމިތިބުން މޮޅު އިތުރުވެގެންވާ ކަމުގަ އެވެ.

ހަތަރު އުދަރެސް ފެނުޖެހުނު ވަގުތު އަޅުގަނޑުމެންނަށް އެހީތެރިކަމުގެ ދީލަތި އަތެއް ފޯރުކޮށްދެއްވީ އާރޭފުގެ ޑަކްތަރުންނެވެ. އަޅުގަނޑުމެންގެ ތެރެއިން ބަލި ހާލު ބޮޑުވި މީހުންނަށް ބޭސްކުރުމުގައި އިންސާނިއްޔަތުކަމުގެ ކުލުނު ފެނުނީ އެމީހުންގެ ފަރާތުންނެވެ.

މާތް ސާހިބާ އެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި މާލޭ ސަރުކާރާ ދޭތެރޭ ރުޅިވެރިކަން އުފެދުމުގެ އިތުރު ސަބަބުތައް ދެނެވަޑައިގަތުމަށް ވިސްނެވިންތޯ އެވެ. އަޑުއައްސަވާށެވެ.

މި ރަށްތަކުން އަޅުގަނޑުމެން ބޭރުކުރާ އެންމެ އިސް އުފެއްދުމަކީ ހިކި ކަނޑުމަހެވެ. ސިލޯނުގައި ވިއްކުމަށް މިތަކެތި އަޅުގަނޑުމެން ފޮނުވަނީ މާލެއަށެވެ.

އަޅުގަނޑުމެންގެ އުފެއްދުންތަކަށް ސިލޯނުން އަގު އަދާ ކުރަނީ ސިލޯނު ފައިސާއިންނެވެ. އެކަމަކު މާލޭ ސަރުކާރުން އަޅުގަނޑުމެންނަށް މަޖްބޫރު ކޮށްފައި އޮތީ ދިވެހި ފައިސާއިން އަގު ބަލައިގަތުމަށެވެ. މާލޭ ރުފިޔާއެއްގެ އަގަކީ ސިލޯނުގެ އެއް ރުފިޔާގެ ބައިކުޅަބައެވެ.

އަޅުގަނޑުމެންނަށް ލިބޭ ބޭކާރު ދިވެހި ފައިސާކޮޅަށް އަޅުގަނޑުމެންނަށް މަޖްބޫރު ކުރެވެނީ ސިލޯނުގެ ބާޒާރުގައި ތަކެތި ހުންނަ އަގުގައި މާލެއިން ކާބޯތަކެތި ހިފައިގެން ރަށަށް ފެއްސިގަތުމަށެވެ. މިއީ ވިޔަފާރީގެ އުސޫލުން ބަލާއިރު ކިހައި ބޮޑު ބޭއިންސާފެއްތޯ އެވެ؟ ކިހައި ބޮޑު ގެއްލުމެއްތޯ އެވެ؟

އައްޑު އަތޮޅުގައި އިނގިރޭސި ދައުލަތުގެ ސިފައިން ތިބޭ ތިބުމަކީ މާލޭ ސަރުކާރުގެ ދަށުން ނެއްޓިގަތުމަށް އަޅުގަނޑުމެން ނިންމި ނިންމުމާ އެއްގޮތަކުން ވެސް ބެހުން ހުރި ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ހާލަތު ބަޔާން ކުޅައުމާއެކު ރަނގަޅު ބަދަލަކަށް އެދި އެތަކެއް ފަހަރުމަތީން މަސައްކަތް ކުރެވިފައިވާނެ އެވެ.

މިގޮތުން މީގެ ދޮޅު އަހަރެއްހައި ދުވަސް ކުރިންވެސް މިފަދަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުޅައީމެވެ. އެފަހަރުތޯއެވެ. އަޅުގަނޑުމެންގެ ފިރިހެނުންގެ ތެރެއިން އެތައް ބަޔަކު ހައްޔަރުކޮށް ޒާތްޒާތުގެ އަހުވަ ދައްކާފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ ދުވަހު މާލޭ ސަރުކާރާ ދެކޮޅަށް އަޅުގަނޑުމެން ތެދުވެގަންނަން ރޭވި ރޭވުމުގެ އެއްވެސް ހިލަމެއް އެކަން ހިނގުމުގެ ކުރިން އިނގިރޭސި ސިފައިންނަށް އެއްވެސް ގޮތަކުން އެނގިގެނެއް ނުވެ އެވެ.

އަޅުގަނޑުމެންގެ ވަކިވެގަތުމަކީ އިނގިރޭސީންނާ ބެހުމެއް ނެތި އަޅުގަނޑުމެންގެ ރައްޔިތުން ނިންމި މުޅީން އަމިއްލަ ނިންމުމެކެވެ. ކަމުގެ ނަތީޖާއާ ދޭތެރޭ ވިސްނައި ފިކުރު ހިންގުމާއެކު ނިންމާފައިވާ ނިންމުމެއް މެއެވެ.

އަޅުގަނޑުމެންގެ މަގްސަދަކީ މާލޭގެ ސަރުކާރު ހިންގަމުންދާ އެއް އާއިލާގެ އަނިޔާވެރި އަދި ގޮތެއް ފޮތެއް ނެތް ވެރިކަމުގެ ނިންމުންތަކަށް ދެން ދުވަހަކުވެސް އަޅުގަނޑުމެން ތަބާވުމެއް ނެތް ކަން އެ ފަރާތަށް އެންގުމެވެ.

ސުވާދީބުގެ މި ސަރުކާރަކީ ރައްޔިތުންގެ އިއްތިފާގުން އެމީހުންގެ ފުރިހަމަ ތާއީދާއެކު އިންތިޚާބުވެފައިވާ ސަރުކާރެއްކަން ސާފުކޮށްދޭން އަޅުގަނޑުމެން ބޭނުމެވެ. އަޅުގަނޑުމެން ސުވާދީބު ދައުލަތުގެ 18،000 މީހުންނަކީ މާލޭ ސަރުކާރާ ނުލައި އަމިއްލައަށް ހުރިހާ ކަމެއް ކޮށްގެން ދިރިއުޅެވޭނެ ފެންވަރު ހުރި ބަޔަކީމު އެވެ.

މިހައިރު އަޅުގަނޑުމެންގެ ދައުލަތަކީ ޔުނައިޓެޑް ސުވާދީވް އައިލެންޑްސް އެވެ. އަޅުގަނޑުމެންގެ އެންމެ އިސް ސިޔާސަތަކީ އަޅުގަނޑުމެންގެ މީސްތަކުންގެ ދިރިއުޅުން ތަރައްގީކޮށް އުފާފާގަތިކަމުގައި އުޅެވޭނެ ގޮތް ހަދައި ދިނުމެވެ.

އެންމެހައި ދައުލަތްތަކާއެކު އަދި ވަކީން ޚާއްސަކޮށް އިނގިރޭސި ދައުލަތާއެކު ގާތް ބަދަހި ގުޅުމެއް އުފައްދައި ކުރިއަށް ގެންދިއުމެވެ. އަދި އެގޮތުގައި ދެމިތިބުމެވެ.

އިނގިރޭސި ދައުލަތަކީ ދިވެހީން މިހާތަނަށް އެދުނު ކޮންމެ ފަހަރަކުމެ އިޚުލާސްތެރިކަމާ އެކު އެހީވެދީ ބުއްދިވެރިކަމާއެކު ދިވެހީންނަށް މަގުދައްކައިދީފައިވާ ދައުލަތެއްކަން އަޅުގަނޑުމެން އަބަދުވެސް ހަނދުމަ ކުރާނޫ އެވެ.

އައްޑުއަތޮޅުގެ ގަމާއި ހިތަދޫގައި އިނގިރޭސި ދައުލަތުގެ ސިފައިން ތިބުމާއި އެމީހުންގެ ކޯއްޓޭތަކާއި ބުރުޒުތައް ހެދުމަށް އަޅުގަނޑުމެން ރުހެމުއެވެ. އިނގިރޭސިން ތިބުމުގެ ސަބަބުން މިރަށްތަކަށް ތިޔާގިކަން އަންނާނެ ކަމަށް ވެސް އަޅުގަނޑުމެން ގަބޫލު ކުރަމުއެވެ.

ތިބާ ދީލަތި އަދި މާތްވެގެންވާ އިނގިރޭސި ދައުލަތަށް މިހިނދު އަޅުގަނޑުމެން މިއިލްތިމާސް ކުރަނީ އެހީތެރިކަމުގެ ހިތަކުން އަޅުގަނޑުމެންގެ ހާލަތު ވަޒަން ކުރެއްވުމަށެވެ.

މި ރަށްތަކުގައި އަޅުގަނޑުމެން ދިރިއުޅެމުން މިގެންދަނީ އަންޒަމާނުއްސުރެ އެވެ. މިރަށްތަކާއި މިރަށްތަކުގެ ވަށައިގެންވާ ކަނޑުގެ މައްޗަށް އޮތީ އަޅުގަނޑުމެންގެ ހައްގެވެ. އެ ހައްގަކީ އެހެން ބަޔަކު ޝައްކު ކުރާން ޖާގަ އޮތް ހައްގުތަކެއް ނޫނެވެ.

އެއްވެސް ވަސްވާހެއް ނެތި އެއީ މާލޭ ސަރުކާރަށް ދައުވާ ކުރެވޭނެ އަދި އަޅުގަނޑުމެންގެ ކިބައިން ނިގުޅައިގަނެވިގެން ވާނެ ހައްގުތަކެއް ނުމެނޫންމެ އެވެ.

އެހެންކަމާއެކު އަޅުގަނޑުމެން ސުވާދީބު ދައުލަތުން އިނގިރޭސި ދައުލަތަށް ކުރާ އިލްތިމާސަކީ މިއެވެ.

މާތްވެގެންވާ ކީރިތި މޫރިތި ރާނީގެ ސަރުކާރާއި ސުވާދީބު ސަރުކާރާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ގާއިމު ކުރުމުގެ މުއާހަދާއެއް އެކުލަވައިލުމުގެ މަޝްވަރާތައް ފެށޭނެ މަގު ފަހިކޮށްދެއްވާށެވެ.

އަޅުގަނޑުމެން އުއްމީދުކުރާހިތްވަނީ އިނގިރޭސި ސަރުކާރާއި ރައްޔިތުން އަޅުގަނޑުމެންގެ ހައްޤު މިވާހަކަތައް ގަބޫލުކުރައްވައި އަޅުގަނޑުމެންނާ މެދު އިހުސާންތެރިވެ ވަޑައިގަންނަވާނޭ ކަމުގައެވެ. އަދި އަޅުގަނޑުމެންގެ މި ދައުލަތް ވެސް ލަސް ކުރެއްވުމެއް ނެތި ގަބޫލު ކުރައްވާނޭ ކަމަށެވެ.

އަބްދުﷲ އަފީފުދީދީ
ސުވާދީބު ސަރުކާރުގެ ރައީސް
ހިތަދޫ، ޔުނައިޓެޑް ސުވާދީވް އައިލެންޑްސް