އަލަށް އިންތިހާބުވެވަޑައިގަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އަސް ނިސްބަތްވާ ނިޒާރު ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލްތަކުގެ ޒިންމާ އަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށް ދިނުން ކަމަށެވެ.
"[އެހެންވެ] އައްޑޫ ސިޓީ ކައުންސިލުން ޑރ. މުހައްމަދު މުއިޒްގެ ޒައާމަތަށް ފުރިހަމަ އެއްބާރުލުން ދީގެން ސަރުކާރާ ގުޅިގެން އައްޑޫގެ ތަރައްގީ އަށް މަސައްކަތް ކުރާނެ." އޭނަ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި އެ ޔަގީންކަން ވެސް މުއިއްޒަށް ވާނީ ދެއްވައިފަ އެވެ.
"ރައްޔިތުންނަށް އޮޅޭ ގޮތަށް ކައުންސިލްއާ ގުޅުވައި ފިތުނަ ވެރި ދޮގުވާހަކަތައް ފަތުރަން މަސައްކަތް ނުކުރުން އެދެން." މޭޔަރާއި ކައުންސިލާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަތަކަށް އިޝާރާތްކޮށް އޭނަ ވިދާޅުވި އެވެ.
އައްޑޫ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެކެވެ. ނިޒާރު ވަނީ މުއިއްޒު އިންތިހާބު ކާމިޔާކުރުމާ އެކީ މަރުހަބާ ވެސް ވިދާޅުވެފަ އެވެ.