Last Updated: May 9, 11:16
Friday, May 9, 2025
ޚަބަރު

ކުންފުނިތަކުގެ މުސާރަތަކަށް ބަދަލު ނުގެންނަން އަންގައިފި

ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ތެރެއިން ކުންފުނިތަކުގެ މުސާރަތަކަށް ބަދަލު ނުގެންނަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިންތިގާލީ މުއްދަތުގައި ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުން ވިޔަފާރި ކުރާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޢަމަލު ކުރަންވީ ގޮތްތައް ހާމަކޮށްފަ އެވެ.

އެގޮތުން، ކުންފުނިތަކުން އަލަށް އެއްވެސް ޕްރޮޖެކްޓެއް ނުފެށުމާއި، ބޮޑު ޚަރަދު ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރުމަށް ވަނީ އަންގައިފަ އެވެ. އަދި ކުންފުނީގެ އާމްދަނީއަށް އަސަރުކުރާނެ ޤަވާޢިދުތަކާއި އުޞޫލުތައް ނިންމުންތަކަށް ބަދަލެއް ނުގެނައުމަށާއި، މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތާއި ދިނުމަށް ކަނޑައެޅިފައިވާ އުސޫލްތަކާއި މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، ކުންފުނިތަކުގެ މުވައްޒަފުންނާއި ގުޅޭ ޤަވާޢިދުތަކާއި އުޞޫލުތަކަށް ބަދަލު ނުގެނައުމަށާއި، ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެންނަން ވަނީ އަންގައިފަ އެވެ.

އިންތިޤާލީ ކޮމެޓީއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި އެކޮމިޓީއަށް ބޭނުންވާ ލިޔެކިއުންތަކާއި، މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ކުންފުނިތަކަށް ވަނީ އަންގައިފަ އެވެ. އަދި އިންތިޤާލ މުއްދަތުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށާއި، ޒިންމާދާރު އަދި ހާމަކަންބޮޑު ގޮތެއްގައި ކުންފުނިތަކުގެ ނިންމުންތައް ނިންމުމަށް ކުންފުނިތަކުގެ ބޯޑުތަކަށް ވަނީ އަންގާފަ އެވެ.