Last Updated: May 9, 11:16
Friday, May 9, 2025
ޚަބަރު

ވައުދުތައް ފުރިހަމަ ކުރަން ޔޫއޭއީގެ އެހީއަށް އެދިވަޑައިގެންފި

އާ ސަރުކާރުގެ ވައުދުތައް ފުރިހަމަ ކުރަން ޔޫއޭއީގެ އެހީތެރިކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އިންތިހާބީ ރައީސް މިކަމަށް އެދިވަޑައިގެންނެވީ ޔޫއޭއީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝެއިޚް ރަހްމާން ބިން އަބްދުލް ރަހްމާން ބިން ރަހްމާ އަލް ޝަމްސީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އަންނަ ދައުރުގައި ޔޫއޭއީއާއެކު އޮންނަ ގުޅުން މިހާރަށް ވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. މި ގުޅުމުގެ ތެރެއިން، ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގާތްކަން މިހާރަށްވުރެ ބަދަހިވެގެންދިޔުމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާކަން ފާހަގަކުރެއްވި އެވެ.

އަދި ޔޫއޭއީ އިން ރާއްޖެ އަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށާއި ދިވެހި ދަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް ފަހިކޮށްދެއްވަމުންގެންދަވާ ފަސޭހަތަކަށްޓަކައި ޝުކުރުއަދާކުރައްވަވައި، ފެށިގެންދާ އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޔޫއޭއީ ސަރުކާރުގެ އެހީތެރިކަމާއި އެގައުމުގެ ވިޔަފާރިވެރިންނާއި ވުނޭރުންގެ ބައިވެރިވުމަށް އެދިވަޑައިގެންނެވި އެވެ.

ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެ-ޔޫއޭއީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވި އެވެ.