Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ދިވެއްސަކަށް ހިލްޓަނުން ތާރީހީ މަގާމެއް

ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން، ހިލްޓަންގެ ޕޯޓްފޯލިއޯގެ ދަށުން އެ ކުންފުނީގެ ޑިރެކްޓަ އޮފް އޮޕަރޭޝަންސްގެ މަގާމަށް ފުރަތަމަ ފަހަރަށް ދިވެއްސަކު ހަމަޖައްސައިފި އެވެ.

އެގޮތުން ހިލްޓަން މޯލްޑިވްސް އަމީންގިރި ރިސޯޓް އެންޑް ސްޕާގެ ޑިރެކްޓަ އޮފް އޮޕަރޭޝަންގެ މަގާމަށް ހަމަޖެއްސީ އަހުމަދު އަނީސެވެ. އޭނަ އަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާތާ 18 އަހަރުވީ، ދާއިރާގެ ތަޖުރިބާކާރެކެވެ. އަނީސްއާ ބެހޭ ގޮތުން ހިލްޓަނުން ބުނީ މިއީ ކުންފުނީގެ ޕޯޓްފޯލިއާގެ ދަށުން ދިވެއްސަކު ޑިރެކްޓަ އޮފް އޮޕަރޭޝަންގެ މަގާމަށް ހަމަޖެއްސި ފުރަތަމަ ފަހަރު ކަމަށާއި އަނީސްއާ އަކީ އަމީންގިރީގެ އޮޕަރޭޝަނަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

އަނީސް ބުނީ ހިލްޓަން މޯލްޑިވްސް އަމީންގިރި ރިސޯޓް އެންޑް ސްޕާ އިން ލިބުނީ ކެރިއަރު އިތުރު ހަރުފަތަކަށް ގެންދާނެ ވަރަށް އަގުހުރި ފުރުސަތެއް ކަމަށެވެ.

"އެކަމަށްޓަކައި ޝުކުރު ވެސް އަދާކުރަން. އަދި ލިބުނު ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާނަން." އޭނަ ބުންޏެވެ.

އަނީސް ވަނީ ކުރިން ކޮންރެޑް މޯލްޑިވްސް ރަންގަލި އާއި ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ވެސް މަސައްކަތްކޮށްފަ އެވެ. އެ ތަންތަނުގައި މަސައްކަތްކުރި ދާއިރާތަކުގެ ތެރޭގައި ހައުސްކީޕިން، ފްރޮންޓް އޮފީސް އަދި ޓްރާންސްޕޯޓް އޮޕަރޭޝަންސް ހިމެނެ އެވެ. އަނީސް އަކީ ހައުސްކީޕާސް އެސޯސިއޭޝަންގެ ބާނީއެއް ވެސް މެ އެވެ.