Last Updated: May 20, 06:07
Monday, May 20, 2024
މީހުން

ސޯޝަލް ސްޓަޑީސް ކިޔަވައި ދީގެން ރެކޯޑެއް

މެދުކެނޑުމެއް ނެތި ސްކޫލެއްގައި ސޯޝަލް ސްޓަޑީސް މާއްދާ 53 އަހަރު ވަންދެން ކިޔަވައި ދީގެން އެމެރިކާގެ ޓީޗަރަކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

އެ ރެކޯޑް ލިބުނީ އިލިއޯނިސް އަށް ނިސްބަތްވާ އުމުރުން މިހާރު 76 އަހަރުގެ ޕޯލް ޑްރީޒަށެވެ. އޭނަ މެދުކެނޑުމެއް ނެތި ސޯޝަލް ސްޓަޑީސް ކިޔަވައިދޭތާ 53 އަހަރުވީ މިދިޔަ މަހުގެ 1 ގަ އެވެ. އެއާ އެކީ ޕޯލް އަށް ގިނިސް ވޯލްޑް ރެކޯޑުން ރެކޯޑް ވެސް ރަސްމީކޮށް ކަށަވަރުކޮށް ދީފައިވާ އިރު، އުނގަންނައި ދޭން ލޯބި ޖެހިފައިވާ މި ޓީޗަރު ރިޓަޔާކުރުމުގެ ވިސްނުމެއް ވެސް ނެތެވެ.

ޕޯލް ކިޔަވައި ދެމުން އަންނަނީ ވުޑްލޭންޑް މިޑްލް ސްކޫލްގަ އެވެ. އެތަނުގައި ސޯޝަލް މާއްދާ ކިޔަވައިދޭ ޓީޗަރުކަމާ އޭނަ ގުޅުނީ ސެޕްޓެމްބަރު 1، 1970 ގަ އެވެ.

ޕޯލް ބުނި ގޮތުގައި ކިޔަވައި ދިނުމާއި ސޯޝަލް މާއްދާ އަށް ލޯބި ޖެހުނު މައިގަނޑު ސަބަބަކީ ދެވަނަ ބޮޑު ހަނގުރާމަ ތަޖުރިބާކުރި އޭނަގެ ބައްޕަގެ ފަރާތުން އިވުނު ވާހަކަތަކެވެ. އެގޮތުން އެ ހަނގުރާމައިގެ ތެރޭގައި ބައްޕަ އަލްފްރެޑް ޑްރީޒް އަކީ އަމަލީ ގޮތުން އުޅުނު މީހެކެވެ. އަދި އޭނަ އަށް އެމެރިކާގެ އަސްކަރިއްޔާ އިން ދޭ "ޕާޕަލް ހާޓް" މެޑެލް ވެސް ލިބިފައިވެ އެވެ.

"އަހަރެން ކުޑައިރު ވަރަށް ގިނައިން ބައްޕަ ހަނގުރާމައިގެ ތަޖުރިބާތަކާއި ވާހަކަތައް ކިޔައިދޭނެ. އެހެންވެ ތާރީހަށް ވަރަށް ބޮޑަށް ލޯބި ޖެހުނު. ދެން އުމުރުން އެގާރަ އަހަރަށް އެޅި އިރު ކަނޑައެޅިއްޖެ ކުރިއަށް ދާނީ ސޯޝަލް ސްޓަޑީސް ފީލްޑުންކަން." ޕޯލް ބުންޏެވެ.

އޭނަގެ މި ދިގު ކެރިއަރުގައި ސޯޝަލް ސްޓަޑީސް ކިޔައިވައިދޭން އެތައް ޓީޗަރުންނަށް ތަމްރީނުކޮށް، ކަރިކިއުލަމް ތަރައްގީކުރުމާއި އެ ދާއިރާ އިން ހޭލުންތެރިކަން ވެސް އުފައްދަން މިހާތަނަށް އެތައް މަސައްކަތެއްކޮށްފައިވެ އެވެ. ދުނިޔޭގެ ރެކޯޑާ ގުޅިގެން ޕޯލް ވަނީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އެއް އުފާ ވެސް ހިއްސާކޮށްފަ އެވެ.

"އަހަރެން ކިޔަވައިދިން ދަރިވަރަކު ފޮނުވި އީމެއިލެއްގައި ބުނެފައި އޮންނަނީ ތިމަންނަ އަކީ ވެސް މިހާރު ސޯޝަލް ސްޓަޑީސް ކިޔަވައިދޭ ޓީޗަރަކޭ،" ޕޯލް ބުންޏެވެ. "މި ދާއިރާ އިހުތިޔާރު ކުރުމުގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ އަހަންނޭ. ޓީޗަރަކަށްވުމުގައި އަހަރެންގެ ދައުރު ވަރަށް ބޮޑޭ. އެއީ ހަގީގަތުގައި ވަރަށް ބޮޑު އުފާވެރި ކަމެއް ލިބުނު ވާހަކައެއް."