Last Updated: July 27, 19:05
Saturday, July 27, 2024
ޚަބަރު

ފަލަސްތީނާ އެކީ ތިބިކަން ހާމަކޮށް ދޭން ވެހިކަލް ބުރެއް

ގާޒާ ބޯޑަރުގައި ފަލަސްތީންގެ ރައްޔިތުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

"ފަލަސްތީނާއި އެކު ދިވެހިން" މި ޝިޢާރުގެ ދަށުން އައްޑޫގައި ވެހިކަލް ބުރެއް ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.

މި ވެހިކަލް ބުރަކީ އައްޑޫގެ ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާޢަތްތަކާއި، ރަށުގެ ބައެއް ފަރާތްތަކުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް ފެށުމަށް ހަމަ ޖެހިފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު ސަރަހައްދުން ހުކުރު ދުވަހު ހަވީރު އެވެ. އެގޮތުން އެ ސަރަހައްދަށް 3:30 އަށް ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދިއުމަށް ހަރަކާތް އިންތިޒާމު ކުރާ ފަރާތްތަކުން އެދެއެވެ.

މި ހަރަކާތުގެ އެންމެ ބޮޑު މަޤްޞަދަކީ މިވަގުތު ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާ އިންސާނީ ޢަމަލުތައް ކުއްވެރިކޮށް ފަލަސްތީނުގެ ބިންތައް ރައްޔިތުންނަށް އަނބުރާ ދިނުމަށް ގޮވާލައި، ދިވެހިން ތިބީ ފަލަސްތީނާއި އެކުގައި ކަން ދެއްކުން ކަމަށް ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

އުޅަނދު ބުރު ދުއްވަން ހަމަޖެހިފައިވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލު ކައިރިން ފެށިގެން ހިތަދޫ ތެރެއިން ގޮސް، މަރަދޫ އާއި ދިމާލުން މަރަދޫ ހިއްކި ބިމަށެވެ. މި ހަރަކާތް ނިންމާލާނީ ފަލަސްތީނުގެ ރައްޔިތުންނަށް ނަޞްރު ދެއްވުން އެދި ކުރާ ދުޢާ އަކާއި އެކުގައެވެ.

އިޒްރޭލުން މިހާރު ފަލަސްތީނަށް ދޭ ހަމަލާތަކުގައި ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާއި އަދި ހަނގުރާމައާއި ނުގުޅޭ އެތަށް ބަޔަކު ދަނީ ޝަހީދު ވަމުންނެވެ. އަދި ބޮމުގެ ޙަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލް އަދި ސްކޫލްތަކަށް ދަނީ އަމާޒު ކުރަމުންނެވެ.