Last Updated: April 29, 06:03
Monday, April 29, 2024
ދުނިޔެ

އައިފޯން 15 އިން އެހެން މައްސަލައެއް

އައިފޯންގެ 15 ސީރިޒްގެ ބައެެއް މޮޑެލްތައް މާ ބޮޑަށް "ދުންބޮޑުވާތީ" އެ މައްސަލަ ހައްލުކޮށް ދީފައި ވަނިކޮށް، އަނެއްކާ ވެސް އެހެން މައްސަލައެއް ދިމާވާން ފަށައިފި އެވެ. މި ވާހަކަ އެކި މީހުން އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

އެގޮތުން އައިފޯން 15 ގެ އެންމެ ވަރުގަދަ އަދި އެންމެ އަގު ބޮޑު މޮޑެލް ކަމަށްވާ ޕްރޯ މެކްސްގެ ހޯމް ސްކްރީން "އަނދާ" މައްސަލަ ދިމާވާ ވާހަކަ ބައެއް މީހުން ފޮޓޯތަކާ އެކީ އަންނަނީ ހިއްސާކުރަމުންނެވެ. އެގޮތުން ފޯނުގެ އޯލެޑް ޑިސްޕްލޭ ފަނޑުވެ، "އޮޅުންބޮޅުންވެ" ފޯނު ބޭނުން ނުކުރޭ ހާލަތަށް ދާ ކަމަށް އައިފޯން 15 ޕްރޯ މެކްސް ގެންގުޅޭ ބައެއް މީހުން ވަނީ ބުނެފަ އެވެ.

މިކަން ދިމާވާ ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ބައެއް މީހުން ލަފާކޮށްފައިވާ ގޮތުގައި އާ މައްސަލަ އަކީ އައިފޯން 15 "ދުންބޮޑުވި" މައްސަލައާ ގުޅުން ހުރި ކަމަކަށް ވެދާނެ އެވެ.

ހަގީގަތަކީ އައިފޯން 15 ގެ މޮޑެލްތަކަށް ފަހަރަކު މައްސަލައެއް ދިމާވަމުންދާތީ އެ މޮޑެލް ބޭނުންކުރާ މީހުންނަށް މި ވަނީ ބޮޑު ބޮލުގެ ރިހުމަކަށްވެފައި ކަމެވެ.

އާ މައްސަލައިގެ ވާހަކަ ހޫނުކޮށް ސޯޝަލް މީޑިއާގައި ދެކެމުން ދިޔަ ނަމަވެސް ނިކަމާ ގުޅޭ އެޕަލްގެ އެއްވެސް ބަހެއް އަދިއެއް ނެތެވެ.

އެ ކުންފުނިން އައިފޯން 15 ނެރުނީ މިދިޔަ މަހުގެ 12 ގަ އެވެ. މީގެ ހަތަރު މޮޑެލްއެެއް ހިމެނެ އެވެ. އެއީ އައިފޯން 15 ޕްލަސް، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އެވެ. މީގެ އަގުތައް އުޅެނީ 799-1،599 ޑޮލަރާ ދެމެދުގަ އެވެ.