Last Updated: April 29, 06:03
Monday, April 29, 2024
ޚަބަރު

އޯޝަން ހެކަތަންގެ އެއް ވަނަ "އުދަ" ޓީމަށް

ތިން ދުވަހުގެ މުއްދަތަށް ބޭއްވި "މޯލްޑިވްސް އޯޝަން ހެކަތަން 2023" ގެ އެއް ވަނަ "އުދަ" ޓީމު ހޯދައިފި އެވެ.

މިކީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި މޫސުމީ މައްސަލަތަކަށް އޮތް ޙައްލުތައް ދެނެގަތުމަށްޓަކައި އެންވަޔަރަމަންޓްރީމް އިންތިޒާމުކުރި ހަރަކާތެކެވެ.

ޖުމްލަ 10 ޓީމާ އެކީ 48 ގަޑިއިރަށް ދެމިގެންދާ ގޮތަށް ބޭއްވި "މޯލްޑިވްސް އޯޝަން ހެކަތަން" ގެ އެއް ވަނަ "އުދަ" ޓީމަށް ލިބުމާ ގުޅިގެން އެ ޓީމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފަރާތުން 10،000 ޑޮލަރު ހަދިޔާކޮށްފައިވެ އެވެ. އަދި ދިރާގުގެ ފަރާތުން 100 އެމްބީޕީއެސް އިންޓަނެޓް 1 އަހަރަށް ހިލޭ ދީފައިވެ އެވެ.

ދެ ވަނަ އަށް ހޮވުނީ ޓީމް "ކްލިމްވެޗް" އެވެ. އެ ޓީމަށް އެމްއައިބީގެ ފަރާތުން 3000 ޑޮލަރު އަދި ދިރާގުގެ ފަރާތުން 100 އެމްބީޕީއެސް އިންޓަނެޓް 1 އަހަރަށް ދީފައިވެ އެވެ. ތިން ވަނަ ހޮވުނީ "ވެށި ރައްކާ" ޓީމެވެ. އެ އެމްއައިބީން 2،000 ޑޮލަރު ހަދިޔާކުރި އިރު، ދިރާގުގެ ފަރާތުން 100 އެމްބީޕީއެސް އިންޓަނެޓް 1 އަހަރަށް ދީފައިވެ އެވެ.

"މޯލްޑިވްސް އޯޝަން ހެކަތަން" ގައި ބައިވެރިވި 10 ޓީމުން ވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ދެނެގަތުމަށާއި، ސިޔާސަތުތަށް ތަންފީޒްކުރާ ފަރާތްތަކަށް އެ ކަންކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އެންމެ ފަހުގެ ޑޭޓާ ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ ގޮތުން ތަފާތު ހިޔާލުތައް ހުށަހެޅި އެވެ. އޭގެ ތެރޭގައި މެލޭޝިޔާގެ އޭޝިއާ ޕެސިފިކް ޔުނިވަސިޓީ ވެސް ހިމެނެ އެވެ.

އެގޮތުން ހުށައެޅި ހިޔާލުތަކުގެ ތެރޭގައި އެންމެ ފަހުގެ ޑޭޓާ ލިބިގަތުމަށް ބޭނުންވާ ޕްލެޓްފޯމެއް ހެދުމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމާއި، ގޮނޑުދޮށްތަކަށް ދިމާވާ މައްސަލަތަށް ރިޕޯޓުކުރުމާއި، ކާރިސާއެއް ދިމާވެދާނެކަމަށް ލަފާކުރެވޭ ހާލަތްތަކުގައި އެކަމެއް ރައްޔިތުންނާއި ހަމައަށް ގެނެސް ދެވޭނެ ޕްލެޓްފޯމެއް ހެދުމާއި، ސެޓަލައިޓް އަދި ޑްރޯން މެދުވެރިކޮށް ރަށްގިރާފައި ހުންނަ މިންވަރު ވަގުތުން ދައްކާލެވޭނެ ގޮތެއް ހޯދައިދިނުމާއި، ގޮނޑުދޮށްތަކުގެ ޑޭޓާގެ އިތުރުން ކަނޑުގެ ތަޣައްޔަރުކަން ކުޑަކުރުމަށް ހައްލެއް ހޯދައި ދިނުން ހިމެނެ އެވެ.

"ދަ މޯލްޑިވްސް އޯޝަން ހެކަތަން" ހަރަކާތަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާއި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި އިތުރަށް ދިރާސާކޮށް އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި ޓެކްނޮލޮޖީ އަދި ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރާ ވާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި ހަރަކާތެކެވެ.

މި ކުރިއަށް ގެންދިޔައީ މި މަހުގެ 15 އިން އިއްޔެއަށެވެ.