Last Updated: April 29, 06:03
Monday, April 29, 2024
ދުނިޔެ

"އެކްސް" އިން އަގު ނެގުން ޓެސްޓް ކުރަނީ

މިހާރު "އެކްސް" ގެ ނަމުގައި ހިންގަމުން އަންނަ ކުރީގެ ޓްވިޓާ ބޭނުންކުރާ މީހުންގެ އަތުން ފީއެއް ނަގަން ނިންމުމާ ގުޅިގެން ދެ ގައުމެއްގައި މިކަން ޓެސްޓްކުރަން ފަށައިފި އެވެ.

އެގޮތުން އަހަރަކު ޑޮލަރެއްގެ ފީއެއް ދައްކަން ޖެހޭ ގޮތަށް މިކަން އެންމެ ފުރަތަމަ އިއްޔެ އިން ފެށިގެން ޓެސްޓްކުރަން ފެށި ދެ ގައުމަކީ ފިލިޕީންސާއި ނިއު ޒީލެންޑެވެ. މިކަން ޓެސްޓްކުރަން ފެށީ "ނޮޓް އަ ބޮޓް" ގެ ނަމުގަ އެވެ. މި ބަދަލާ އެކީ "އެކްސް" އާ އަލަށް ގުޅޭ ޔޫޒަރުންނަށް ޕޯސްޓްކޮށް، ލައިކްކޮށް، ރިޕްލައިކޮށް، ރީޕޯސްޓްކޮށް، އަދި އެހެން އެކައުންޓްތައް ކޯޓްކުރުމުގެ އިތުރަށް ބުކްމާކް ކުރެވޭނީ ފީ ދައްކައިގެންނެވެ. "އެކްސް" އަލަށް ބޭނުންކުރާ މީހުންނަށް ފީއާ ނުލައި ކުރެވޭނެ ކަންކަމަކީ ހަމައެކަނި ޕޯސްޓް ކިޔާލުމާއި ވީޑިއޯތައް ބަލާލުމާއި އެކައުންޓްތައް ފޮލޯކުރުމެވެ.

ފީ ނެގުން ދެ ގައުމެއްގައި ޓެސްޓްކުރަން އިއްޔެ ފެށި ނަމަވެސް މިހާރު "އެކްސް" ބޭނުންކުރާ އެހެން ޔޫޒަރުންނަށް މިކަމުގެ އަސަރެއް ނުކުރާނެ ކަމަށް "އެކްސް" އިން ބުންޏެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

"އެކްސް" ބޭނުންކުރާ އެންމެންގެ އަތުން ފީއެއް ނެގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މީގެ މިހާރުގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވީ މިދިޔަ މަހުގެ މެދު ތެރޭގަ އެވެ. އޭނަ ވިދާޅުވި ގޮތުގައި މި ބަދަލު ގެންނަ މައިގަނޑު ބޭނުމަކީ ބޮޓް އެކައުންޓްތަކުގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯދުމެވެ.

އެގޮތުން އާންމު އުސޫލެއްގެ ގޮތުން "އެކްސް" ބޭނުން ކުރަން ފީއެއް ނަގަން ފެށުމުން ބޮޓް އެކައުންޓްތަކުގެ މައްސަލަ އަށް އެދެވޭ ހައްލެއް އައިސް އެފަދަ އެކައުންޓްތަކުން މުއާމަލާތްކުރުން ވަރަށް ބޮޑު ދައްޗަކަށް ވާނެ ކަމަށް އިލޮން އިއްޔެ ވިދާޅުވެފައިވެ އެވެ.