Last Updated: July 27, 06:33
Saturday, July 27, 2024
ކުޅިވަރު

ޔުނައިޓެޑަށް މުހިއްމު މޮޅެއް، ހީރޯ އަކީ އޮނާނާ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޑެންމާކުގެ ކޯޕަންހޭގަން 1-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން މުހިއްމު މޮޅެއް ހޯދައިފި އެވެ.

މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑުން ހޯދި ފުރަތަމަ މޮޅެވެ. މި މޮޅާއެކު ތިން މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ގްރޫޕް އޭގެ ތިންވަނައިގަ އެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާ އެކު ގަލަތަސަރާއީ އޮތްއިރު އެއްވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ބަޔާން މިއުނިކެވެ. ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާ އެކު އޮތީ ކޯޕަންހޭގަން އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކޯޕަންހޭގަންގެ ގޮންކަލްވޭސް އަށެވެ. ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް ކޯޕަންހޭގަންގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންދިޔައިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 72 ވަނަ މިނެޓްގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ހެރީ މެގުއާ އެވެ. ކްރިސްޓިއަން އެރިކްސަން ނަގައިދިން ހުރަހަކުން މެގުއާ މި ގޯލު ކާމިޔާބު ކުރީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށް ފަހު ލީޑު ފުޅާކޮށްލަން ވެސް ޔުނައިޓެޑަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ކޯޕަންހޭގަން އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ ޖޯޑަން ލާސަން ފޮނުވާލި ޕެނަލްޓީ ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ވަނީ މަތަކޮށް އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ. މި ޕެނަލްޓީ ކޯޕަންހޭގަން އަށް ދީފައިވަނީ އެޓީމުގެ ކުޅުންތެރިއަކަށް ޔުނައިޓެޑްގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ ކުރި ފައުލަކާ ގުޅިގެންނެވެ.

މި ގްރޫޕްގައި ރޭ ބަޔާން މިއުނިކުން ވަނީ ރަށުން ބޭރުގައި ގަލަތަސަރާއީގެ މައްޗަށް 3-1 އިން ކުރި ހޯދާފަ އެވެ. މި މެޗުގައި ބަޔާންގެ ގޯލުތައް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަން އާއި ހެރީ ކޭންގެ އިތުރުން ޖަމާސް މުސިއާލާ އެވެ.