ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސްޤާޟީ ކަމަށް އަލްއުސްތާޛާ މަރްޔަމް ވަޙީދު އައްޔަން ކުރެއްވުމަށް ޖޭއެސްސީން ނިންމައިފި އެވެ.
ހައިކޯޓްގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލީ "ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު" ގެ ދަށުން ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ.
ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވި ހަމައެކަނި ފަނޑިޔާރު ހުސައިން ޝަހީދަކީ މިހާރުވެސް އެ ކޯޓް ވަގުތީ ގޮތުންް ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދުއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓަރސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ބެޗެލަރސް ޑިގްރީ އިން ޝަރިޢާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. 2014 ނޮވެމްބަރު 26 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުވާކުރެއްވި އަލްއުސްތާޛު ޙުސައިން ޝަހީދުއަކީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ޤާޟީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަލްއުސްތާޛު ޙުސައިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.
ސިވިލް ކޯޓުގެ އިސްޤާޟީކަމަށް ޢައްޔަންކުރެވިފައިވާ އަލްއުސްތާޛާ މަރްޔަމް ވަޙީދު އަކީ ވިލާ ކޮލެޖްއިން މާސްޓަރސް އޮފް ޝަރީޢާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗެލަރސް އޮފް ލޯސް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. 2016 އޭޕްރީލް 13 ގައި ސިވިލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރެވުމުގެ ކުރިން އަލްއުސްތާޛާ މަރްޔަމް ވަޙީދު ވަނީ ކ.ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފަ އެވެ. އަލްއުސްތާޛާ މަރްޔަމް ވަޙީދު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނީ 2013 ޖަނަވަރީ 08 ވަނަ ދުވަހު އެވެ.