ބޭރުގެ އިދާރާތަކުން ދޭ އެއްވެސް ފައިސާއަކަށް ހިޔާނަތްތެރިވެފައި ނުވާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭއެމަށް ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ތުހުމަތުކުރެވޭތީ އެ އިދާރާ އަށް ފުލުހުން ވަދެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާނޫނީ ތަރަހައިގެ ބޭރުން އެއްވެސް އަމަލެއް ވެސް މުއާމަލާތެއް ވެސް އެފްއޭއެމްގެ ފަރާތުން ކޮށްފައިނުވާނެ ކަމަށެވެ. އަދި މިކަން ސާބިތުކޮށްދޭން އެފްއޭއެމުން ފަހަތަށް ނުޖެހޭނެ ކަމަށާއި ފީފާ އާއި އޭއެފްސީ ފޮނުވާ ފައިސާތަކަކީ ކޮންމެ އަހަރަކު އޮޑިޓް ކުރެވޭ އެހީތަކެއް ކަމަށްވެސް ބުނެފައިވެ އެވެ.
އަދި މިހާރު ކުރަމުންދާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށާއި ނަމަވެސް ސާބިތުނުހިފޭ އަމިއްލަ މަސްލަހަތާއި ޒާތީ ބޭނުމަށް ހާލަތުގެ ފައިދާ ނެގުމުގެ ބޭނުމުގައި އެއްވެސް ފަރާތަކުން އެއްވެސް ޒާތެއްގައި ކުރިމަތިކުރުވާ އެއްވެސް އަމަލަކަށް ކުޅިވަރުގެ އެންމެ މަތީ މަގުސަދު ހިމާޔަތް ކުރުމަށް ކުޅިވަރުގެ ރޫޙްގައި އެ އިދާރާ އިން ރައްދު ނުދީ ނުތިބޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެއިތުރުން އެފްއޭއެމުން ވަނީ އެ އިދާރާގެ ހިންގުމުގައި މުސްތަގިއްލުކަން ގެއްލުވާލައި ނުފޫޒު ފޯރުވާނަމަ ރާއްޖެއާ ދެކޮޅަށް ފީފާ އާއި އޭއެފްސީން ފިޔަވަޅު އަޅަނެ ކަމަށް އެ ދެ އިދާރާއިން އަންގާފައިވާ ކަމަށްވެސް ބުނެފަ އެވެ.
އެފްއޭއެމްގެ ޖިނާއީ މައްސަލަތަކެއްގެ ތަހުގީގު ފަށާފައިވާ އިރު، މި މައްސަލައިގައި ޕީޖީގެ އޮފީހުން ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެފްއޭއެމް ފަދަ ޖަމިއްޔާއަކުން އަމަލުކުރަމުން އަންނަނީ ގައުމުގެ ނަޒާހަތްތެރިކަމާއި އިންސާފުވެރި ކަމަށް އަސަރުކުރާ ގޮތަށް ކަމަށް ފެންނާތީ އެފްއޭއެމްގެ ކަންކަން ބަލަން ޖެހޭ ކަމަށެވެ.