Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

އެފްއޭއެމަށް ފީފާ އާއި އޭއެފްސީގެ އިންޒާރެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމް) އަށް ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ތުހުމަތުކުރެވޭތީ އެ އިދާރާ އަށް މި ހަފުތާގައި ފުލުހުން ވަދެ، ވަން މައްސަލާފައި އެފްއޭއެނަށް ފީފާ އާއި އޭއެފްސީން ވަރުގަދަ އިންޒާރެއް ދީފަ އެވެ.'

ފީފާގެ ޗީފް މެމްބަ އެސޯސިއޭޝަންސް އޮފިސަރު ކެނީ ޝޯންމެރީ އާއި އޭއެފްސީގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ވާހިދު ޚަރްދާނީ ސޮއިކުރައްވައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒަށް އެޑްރެސްކޮށް ފޮނުއްވި ބަޔާނުގައި ބުނެފައި ވަނީ އެފްއޭއެމް ހިންގުމުގައި ދަމަހައްޓަންޖެހޭ މުސްތަގިއްލު ކަމަށް އެއްވެސް ސިފައެއްގައި އެއްވެސް ބައެއްގެ ނުވަތަ ފަރާތެއްގެ ނުފޫޒު ފޯރާކަމަށް ވާނަ ނުވަތަ އެފަދަ ތުހުމަތެއް ކުރެވޭނަމަ ފީފާގެ އަސާސީ ޤަވާއިދުގެ 14 ވަނަ މާއްދާގެ (2) އާއި (3)ގެ އިތުރުން އޭއެފްސީގެ އަސާސީ ޤަވާއިދުގެ (1) ގެ (ޓ) އާއި މިމާއްދާގެ (2) ގައި ބަޔާންކުރެވިފައިވާ ފަދައިން އެފްއޭއެމް އާއި ދޭތެރޭ ފިޔަވަޅު އެޅޭނެ ކަމަށެވެ.

އެގޮތުން ފީފާ ޑިވެލޮޕްމަންޓް ޕްރޮގްރާމާއި އޭއެފްސީގެ އެންހޭންސް މެމްބަ އެސޯސިއޭޝަން ޕްރޮގްރާމްގެ ދަށުން ދޫކުރެވޭ އެންމެހާ ފައިސާ އަކީ ފީފާ އާއި އޭއެފްސީގެ އަސާސީ ގަވާއިދުގެ ދަަށުން ދެފުށްފެންނަ ޓްރޭސް ކުރެވޭ މިންގަނޑެއްގެ ތެރޭގައި ބޭނުން ކުރެވޭ ފައިސާކަން ކަށަވަރު ކުރުމަށް ކޮންމެ އަހަރަކު އޮޑިޓް ކުރެވޭ އެހީތަކެއްކަން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އެފްއޭއެމްގެ ޖިނާއީ މައްސަލަތަކެއްގެ ތަހުގީގު ފަށާފައިވާ އިރު، މި މައްސަލައިގައި ޕީޖީގެ އޮފީހުން ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެފްއޭއެމް ފަދަ ޖަމިއްޔާއަކުން އަމަލުކުރަމުން އަންނަނީ ގައުމުގެ ނަޒާހަތްތެރިކަމާއި އިންސާފުވެރި ކަމަށް އަސަރުކުރާ ގޮތަށް ކަމަށް ފެންނާތީ އެފްއޭއެމްގެ ކަންކަން ބަލަން ޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާގައި ބޭނުންކުރާ ގިނަ އަދަދެއްގެ ލިޔެކިއުމާއި މަސައްކަތްތަކުގެ މާހައުލުގައި ކޮންމެހެން ބޭނުން ކުރަންޖެހޭ އެތަކެއް އާލާތްތަކެއް ފުލުހުންގެ ތަހުގީގަށް އެފަރާތުގެ ބެލުމުގެ ދަށަށް ގެންދެވިފައިވުމުގެ ސަބަބުން މި އިދާރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫއަރައި މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

"އަދި މި ހާލަތުގައި ފުޓްބޯޅަ ލީގާއި ރޭވިފައިހުރި އެނޫންވެސް އެހެނިހެން މުބާޜާތްތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެކަމެއް ނޫން ކަމުގައި ހިތާމަޔާއެކު ފާހަގަ ކުރަން." ބަޔާނުގައިވެ އެވެ.

ނަމަވެސް ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވެ އެވެ.