ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ ބެޓިން އުސޫލާ ހިލާފުވިކަން ސާބިތުވެ 10 މަސް ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.
މި މައްސަަލައިގެ ތަހުގީގުގައި ޓޮނާލީ ،23، ވަނީ ބެޓިން ގަވާއިދާ ހިލާފުވެފައިވާ ކަމަށް އެއްބަސްވެފަ އެވެ. އެހެންވެ، އިޓަލީގެ އެފްއޭ އިން ނިންމީ ޓޮނާލީ 10 މަސް ދުވަހުގެ ސަސްޕެންޝަނެއް ދިނުމުގެ އިތުރުން 20،000 ޔޫރޯ އިން ޖޫރިމަނާ ކުރުމަށެވެ.
ފީފާ އާއި ޔޫއެފާ އަދި ފުޓްބޯޅަ އިދާރާތަކުން އިންތިޒާމު ކުރާ މުބާރާތްތަކުގައި ކުޅުންތެރިން ބެޓް ކުރުމަކީ މަނާ ކަމެކެވެ. ޓޮނާލީ ހިލާފުވީ އެ އުސޫލާއި ކަމަށްވާއިރު މީގެކުރިން އިޓަލީގެ އެފްއޭ އިން ވަނީ އެ އުސޫލާ ހިލާފުވި ޔުވެންޓަސްގެ މިޑްފީލްޑަރު ނިކޮލޯ ފަގިއޯލީ ހަތް މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.
މި އަދަބުގެ ސަބަބުން މި ސީޒަނުގައި ދެން ޓޮނާލީ އަށް ނުކުޅެވޭނެ އެވެ. އަދި އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިޓަލީ ކޮލިފައިވި ނަމަވެސް އެ މުބާރާތުގައި ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ.
ޓޮނާލީ ނިއުކާސަލްއާ ގުޅުނީ މިދިޔަ ޖުލައި މަހު 55 މިލިއަން ޕައުންޑްގެ އަގަކަށް އޭސީ މިލާނުންނެވެ. ޓޮނާލީ އަކީ ނިއުކާސަލަށް އެންމެ ބޮޑު އަގެއްގައި ގެނައި ދެވަނަ ކުޅުންތެރިޔާ އެވެ.