Last Updated: May 20, 01:49
Sunday, May 19, 2024
ޚަބަރު

ސިވިލް ކޯޓްގެ އިސް ގާޒީއަކަށް މަރްޔަމް ވަހީދު

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އެ ކޯޓުގެ ގާޒީ މަރްޔަމް ވަހީދު ހަމަ ޖައްސަން ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ) އިން ނިންމައިފި އެވެ.

އޭނަ އެ މަގާމަށް ހަމަޖައްސަން ނިންމިކަން ޖޭއެސްސީން އިއުލާން ކުރީ އިއްޔެ އެވެ. މަރްޔަމަކީ ސިވިލް ކޯޓްގެ ގާޒީކަމަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލީ ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ. އެ މަގާމަށް ދެން ކުރިމަތިލެއްވީ ހާފިޒާ އަބްދުއްސައްތާރެވެ.

ސިވިލް ކޯޓްގެ އިސް ގާޒީއަކަށް އައްޑޫ ފޭދު އަށް ނިސްބަތްވާ މަރްޔަމް އައްޔަންކުރުން ވާނީ އެ ކޯޓްގެ ފުރަތަމަ އަންހެން އިސް ގާޒީއަށެވެ. އޭނަ އަކީ ކުރިން ހިތަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓްކަމާއި ކ. ގާފަރު މެޖިސްޓްރޭޓް ކޯޓްގެ ޗީފް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރުކަމާއި ފެމިލީ ކޯޓްގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމު ވެސް ފުރުައްވާފައިވާ ބޭފުޅެކެވެ.

ސިވިލް ކޯޓްގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވީ އިސް ގާޒީގެ މަގާމުގައި ހުންނެވި އަހުމަދު ނިމާލު މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ. އޭގެ ފަހުން އެ ކޯޓް ހިންގުން ހަވާލުކޮށްފައި ވަނީގާޒީ ފަރުހާދު ރަޝީދާ އެވެ. އޭނައާ ކޯޓް ވަގުތީ ގޮތުން ހިންގުން ހަވާލުކުރެއްވީ މިދިޔަ މަހުގެ 21 ގަ އެވެ.