Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

ބަދަލުގެ ގޮތުގައި މި އަހަރު 374 މިލިއަން ރުފިޔާ

ބަދަލުގެ ގޮތުގައި މި އަހަރު އެކި ފަރާތްތަކަށް ސަރުކާރުން 374 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ މި މަހުގެ 12 ގެ ނިޔަލަށް ބަދަލުގެ ގޮތުގައި ސަރުކާރުން ވަނީ 373.8 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދީފައިވެ އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ބަދަލުދިނުމަށް ޚަރަދުވާނެ ކަމަށް ލަފާކޮށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި އޮޓީ 101.2 މިލިއަން ރުފިޔާކަމެވެ. އެހެންވެ ބަޖެޓު ކުރި އަދަދަށް ވުރެ އިތުރަށް 272.6 މިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ސަރުކާރުން އެކި ފަރާތްތަކަށް ދީފައިވާކަން ހިސާބުތަކުން ދައްކަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ގައި ވެރިކަމަށް ވަޑައިގަތް ފަހުން މިހާތަނަށް އެކި ބޮޑެތި އަދަދުތަކުން ބަދަލު ދީފައިވާކަން ފާހަގަކުރެވެ އެެވެ. މިކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

އަންނަ މަހުގެ 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވަން ހަމަޖެހިފައިވާ އިރު، ސަރުކާރުން މިހާރު އޮތީ މަޖިލީހަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވެސް ހުށަހަޅައިފަ އެވެ. އަންނަ އަހަރަށް ލަފާލުރާ ދައުލަތުގެ ބަޖެޓް 50 ބިލިއަނަށް ވުރެ ބޮޑުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.