Last Updated: July 27, 14:36
Saturday, July 27, 2024
ދުނިޔެ

"އެކްސް" އަށް ފައިސާގެ މުއާމަލާތް!

ކުރީގެ ޓްވިޓާ އަދި މިހާރުގެ "އެކްސް" އިން ފައިސާގެ މުއާމަލާތް ކުރެވޭ ގޮތް ހަދަން ނިންމައިފި އެވެ.

އެ ކުންފުނީގެ ވެރިޔާ މަހުޖަނު އީލޮން މަސްކް މިދިޔަ ބުރާސްފަތި ދުވަހު "އެކްސް" ގެ މުވައްޒަފުންނާ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި މިކަން ހިއްސާކުރައްވައި ވިދާޅުވެފައި ވަނީ ފައިސާގެ މުއާމަލާތް ކުރެވޭ ފީޗާތަކެއް އަންނަ އަހަރު ނިމުމުގެ ކުރިން ތައާރަފުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މިކަން ރަސްމީކޮށް "އެކްސް" އިން އަދި މީޑިއާތަކަށް ހާމައެއް ނުކުރެ އެވެ.

އީލޮންގެ ބައްދަލުވުމާ ހަވާލާދީ ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނި ގޮތުގައި "އެކްސް" ގެ އަމާޒަކީ ފައިސާގެ ހުރިހާ މުއާމަލާތްތަކެއް ވެސް ވަރަށް ފަސޭކޮށް، އެ ޕްލެޓްފޯމް މެދުވެރިކޮށް ކުރެވޭނެ ގޮތް ފަހިކުރުމެވެ. އެގޮތުން މިކަން އެންމެ ފުރަތަމަ އެމެރިކާގައި ފަށައިގަތުމަށްޓަކައި އެކަމަށް ބޭނުންވާ ހުއްދަ އަށް ވެސް އެދި މިހާރު އޮތީ ހުށަހަޅައިފަ އެވެ. އަދި މިކަމަށް ބޭނުންވާ އިތުރު ކަންކަން ވެސް ކުރިއަށް ދުވަސްތަކުގައި "އެކްސް" އޮން ފަހިކުރާނެ ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "އެކްސް" އިން ތައާރަފުކުރަން އުޅެނީ ވަކި ބޭންކް އެކައުންޓެއް ވެސް ބޭނުން ނުވާ ގޮތަށް، ފައިސާގެ މުއާމަލާތްތައް ކުރެވޭ ވަރަށް ޒަމާނީ ގޮތެކެވެ. މިފަދަ ހިދުމަތެއް "އެކްސް" އަށް ތައާރަފުކުރަން މަސައްކަތްކުރާ އިރު، މަޝްހޫރު އޮންލައިން ޕޭމަންޓް ސިސްޓަމަކީ ވެސް މަސްކް ކުރިން ހިއްސާވި އެއްޗެކެވެ.

އެހެންވެ "އެކްސް" ވެސް ފައިނޭންޝަލް ހަބަކަށް ހެދުމުގެ ވާހަކަ އަކީ އޭނަގެ ވަރަށް ބޮޑު އަމާޒެކެވެ. އީލޮން މި ޕްލެޓްފޯމް 44 ބިލިއަން ޑޮލަރަށް ބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ. އޭގެ ފަހުން އެކި ކަހަލަ ބަދަލުތައް "އެކްސް" އަށް ގެނެސްފައިވެ އެވެ.

ޓްވިޓާ "އެކްސް" އަށް ރީބްރޭންޑް ކުރުމަކީ ވެސް އޭގެ ތެރެއިން އައި ބަދަލެކެވެ.