Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

ހިތަދޫ މައިލޯ ދަނޑު ކައުންސިލަށް ނަގަނީ

އައްޑޫސިޓީ ކައުންސިލް ޖަލްސާއެއްގެ ތެރެއިން / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބެލުމުގެ ދަށުގައި އޮތް އައްޑޫސިޓީ ހިތަދޫ މައިލޯ ދަނޑު، ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ގެންނަން އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިކަން މިގޮތަށް ނިންމާފައިވަނީ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 119 ވަނަ ޖަލްސާގައެވެ. މި ޖަލްސާގައި ހިތަދޫ މާމެންދޫ ދައިރާގެ ކައުންސިލް މެންބަރު އަދާލާ ރަޝީދު ވަނީ މިދަނޑު ސިޓީ ކައުންސިލަށް ބަދަލު ކުރުމަށް ހުށަހަޅާފައެވެ.

މިކަމާއި ގުޅޭގޮތުން ހުށަހެޅުން ހުށަހަޅައި ދެމުން އަދާލާ ވިދާލުވީ، އެފްއޭމްއާއި ދަނޑު ހަވާލުކޮށްފައިވަނީ މިތަނުގައި ވަސީލަތް ޤާއިމްކޮށް ދަނޑު ސާފުކޮށް ބެލެހެއްޓުމަށް ކަމަށެވެ. ނަމަވަސް އެއްބަސްވުމަށް 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއިން އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދާލާ ވިދާޅުވީ، މި ދަނޑުގައި އެންމެ ފަހުން އެފްއޭއެމްއިން ހިންގީ 2020 ވަނަ އަހަރު ވައިޑީޕީ ޕްރޮގްރާމު ކަމަށެވެ. އޭގެ ފަހުން ދަނޑުގެ ބޭނުމެއް އެފްއޭއެމްއިން ނުހިފާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދާލާ ވިދާޅުވީ މިދިޔަ އަހަރު ކައުންސިލުން އިސްނަގައިގެން ފެނަކަ ސީއެސްއާރުގެ އެހީތެރިކަމާއިއެކު ދަނޑު ދިއްލާފައިވާ ކަމަށެވެ. ނަމަވެސް މިއަހަރު ޖޫން މަހުގެ 11 ވަނަ ދުވަހު ކަރަންޓު ބިލު ނުދެއްކިގެން އެފްއޭއެމްއިން ބލު ދައްކައި ދިނުމަށް އެދިފައިވާ ކަމަށެވެ. އެހެން ކަމުން މި ދަނޑު ކައުންސިލަށް ބަދަލު ކުރުމުގެ އެހެން ދަނޑުތަކެކޭ އެއްގޮތަށް ބެލެހެއްޓުމަށް ކައުންސިލަށް ފަސޭހަވެގެން ދާނެ ކަމަށެވެ.


މި ހުށަހެޅުމަށް ތާއިދު ކުރައްވާ ހިތަދޫ މާމެންދޫ ދައިރާގެ މެންބަރު ހުސެއިން ޒަރީރު ވިދާޅުވީ، މިގޮތަށް އައްޑޫއިން ތަންތަން ބެލެހެއްމަށް މާލޭގައި ތިބޭ ބަޔަކާއި ހަވާލު ކުރާ ކަމަށެވެ. ނަމަވެސް ސިޔާސަތައް އަންނަ ބަދަލެއްގެ ސަބަބުން އެތަން ވީރާނާވެ ނެތެމުން ދާ ކަމަށެވެ. އޭނާ މިކަމުގެ މިސާލު ނެންގެވީ ހިތަދޫ ފްލެޓާއި އައްޑޫ ނޭޗަރ ޕާކުންނެވެ.

މިމައްސަލައިގައި ކައުންސިލުން ނިންމީ ދަނޑު ސިޓީ ކައުންސިލުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރުމަށެވެ. އެގޮތުން ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޤުލަބީއްޔަތުން މައްސަލަ ވަނީ ފާސްކޮށްފައެވެ.

މައިލޯ ދަނޑަކީ ރާއްޖޭގެ ރަށެއްގައި އެންމެ ފުރަތަމަ ޓާފް އެޅި ދަނޑުތަކުގެ ތެރެއިން ދަނޑެކެވެ. މިދަނޑު އެފްއޭއެމްއާއި ހަވާލުކޮށްފައިވާތާ މިހާރު 15 އަހަރަށް ވުރެ ގިނަ ވެދާނެއެވެ. އެފްއޭމްގެ ބެލުމުގެ ދަށުގައި އޮތް ކަމަށްވިއަސް، ގަސް ބޯވެ، ދަނޑު ސާފު ނުކުރެވެއެވެ.