Last Updated: July 27, 14:36
Saturday, July 27, 2024
ކުޅިވަރު

ބްރެންޓްފޯޑުން ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ބްރެންޓްފޯޑުން 2-0 އިން ޗެލްސީ ބަލިކޮށްފި އެވެ.

މިއީ ބްރެންޓްފޯޑުން ޗެލްސީގެ ދަނޑުގައި ކުޅެ ލީގުގައި އެޓީމު ބަލިކުރި ތިންވަނަ ފަހަރެވެ. އަދި މިއީ މިއަހަރުތެރޭ ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ޗެލްސީ ބަލިވި އަށްވަނަ މެޗެވެ. މި މޮޅާއެކު ބްރެންޓްފޯޑް މިހާރު އޮތީ 13 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ. ޗެލްސީ އޮތީ 12 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ބްރެންޓްފޯޑުގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ. މި މެޗުގައި ބްރެންޓްފޯޑުން ޖެހި ފުރަތަމަ ގޯލު މެޗުގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އީތަން ޕިނޮކް އެވެ. ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޕިނޮކް ގޯލަށް ވައްދާލީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ބްރެންޓްފޯޑުން ލީޑު ނެގި ނަމަވެސް ނަތީޖާ އެއްވަރުކޮށްލަން މާ ރަނގަޅު ފުރުސަތުތަކެއް ޗެލްސީ އަށް ތަނަވަސްކުރެވިފައެއް ނުވެ އެވެ. އަދި މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ބްރެންޓްފޯޑަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު އެޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބުއޭމޯ އެވެ.

ލީގުގައި 10 މެޗު ކުޅެ ނިމުނުއިރު ޗެލްސީ އަށް ހޯދިފައިވަނީ އެންމެ ތިން މޮޅެވެ. އަދި ހަތަރުން މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.