Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް ބާއްވަން ބަޔަކާ ހަވާލުކުރަނީ

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝީޕްގެ 6 ވަނަ މެޗުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް އަލީ ނާސިރު

އައްޑޫސިޓީ ކައުންސިލުން ބާއްވަމުން އަންނަ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް މުބާރާތް އިންތިޒާމު ކުރާނެ ފަރާތެއް ހޯދަން އާންމު އިއުލާނެ ކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވާ ކައުންސިލުގެ 4 ވަނަ ދައުރުގެ 119 ވަނަ ޖަލްސާގައެވެ. ކައުންސިލަށް މިމައްސަލަ ހުށަހެޅީ ޔޫތް އެންޑް ސްޕޯޓްސް ކޮމެޓީގެ ފަރާތުން މަރަދޫ ކައުންސިލަރ އަހުމަދު ނާދިރު އެވެ. މި މައްސަލަ ހުށަހަޅުއްވަމުން ކައުންސިލަރ ނާދިރު ވިދާޅުވީ، އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ 3 ވަނަ މުބާރާތް އިންތިޒާމު ކުރުމަށް ބަޔަކާއި ހަވާލު ކުރަން ފެންނަ ކަމަށެވެ. އެގޮތުން އިއުލާން ކުރެވިގެން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތަކާއި ހަވާލު ކުރަން އޭނާ ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން 2 ވަނަ މުބާރާތުގެ ފައިނަލް މެޗުގައި އައްޑޫސިޓީ މޭޔަރ އިއުލާން ކުރި ގޮތަށް މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000ރ. ދިނުމަށް ވެސް ވަނީ ހުށަހަޅާފައެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަށް 50،000ރ. ދޭން ވެސް ވަނީ ހުށަހަޅާފައެވެ.

އައްޑޫސިޓީ ކައުންސިލް ޖަލްސާއެއްގެ ތެރެއިން / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

މީގެ ކުރިން މި މުބަރާތުގެ ހުރިހާ އިންޒާމެއް ހަމަޖައްސަމުން އައީ އައްޑޫސިޓީ ކައުންސިލުންނެވެ. އޭރު ސިޓީ ކައުންސިލުން މިކަން ކުރަމުން އައީ އެފްއޭއެމްގެ ޓެކްނިކަލް އެހީތެރިކަމާއެކު އެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުޢާއު ވިދާޅުވީ، މި ގޮތަށް އިންތިޒާމު ކުރާނެ ބަޔަކު ވުމުން، މީގެ ކުރިން ކައުންސިލުން އިންތިޒާމު ކުރިއިރު ދިމާވި މައްސަލަތައް ދިމާނުވާނެ ކަމަށާއި، އަދި ފުޓުބޯޅަ ކޮމިއުނިޓީގައި މިކަމުގެ ތަޖުރިބާ ތިބި ފަރާތްތަކުގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

މިމައްސަލަ ނިންމާފައިވަނީ ކައުންސިލުން ޔޫތު އެންޑް ސްޕޯޓްސް ކޮމެޓީން ހުށަހެޅި ގޮތަށް ފާސް ކުރުމަށެވެ. އެގޮތުން މިމައްސަލަ ނިންމާފައިވަނީ ކައުންސިލުގެ އަޤުލަބީއްޔަތުންނެވެ.