Last Updated: July 27, 15:08
Saturday, July 27, 2024
ކުޅިވަރު

ބެލިންހަމްގެ ދެ ގޯލުން ރެއާލް އިން ބާސާ ބަލިކޮށްފި

ޖޫޑް ބެލިންހަމްގެ ދެ ގޯލުން ރެއާލް މެޑްރިޑުން ފަހަތުން އަރާ 1-2 އިން ބާސެލޯނާ ބަލިކޮށްފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 28 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ޖިރޯނާ އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ރެއާލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ބާސާ އޮތީ 24 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ.

ސްޕެނިޝް ލީގުގެ އެންމެ ފޯރިގަދަ މެޗު ކަމަށްވާ "އެލް ކްލެސިކޯ" ބާސާ އިން ފެށީ ގޯލަކުންނެވެ. މެޗުގެ ހަވަނަ މިނެޓްގައި މި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ އިލްކާއި ގުންޑޮގާން ކަމަށްވާއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ގޯލެއް ކާމިޔާބު ކުރަން ބާސާގެ ޒުވާން މިޑްފިލްޑަރު ފާމިން ލޮޕޭޒަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ބާސާގެ ޑިފެންޑަރު މާޓިނޭޒް ފޮނުވާލި ހަމަލާއެއް ވެސް ގޯލުގެ ދަނޑި އަށް އަމާޒުވި އެވެ.

ރެއާލުން ނަތީޖާ އެއްވަރުކުރީ މެޗުގެ 68 ވަނަ މިނެޓްގައި ޖޫޑް ބެލިންހަމް ކާމިޔާބުކުރި ގޯލުންނެވެ. ބާސާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ބެލިންހަމް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ދެވަނަ ހާފުގައި ރެއާލުން ބާސާގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު މި މެޗުން މޮޅުވި ގޯލު އެންމެފަހު ވަގުތުކޮޅުތެރޭ ރެއާލަށް ކާމިޔާބުކޮށްދިނީ ވެސް ބެލިންހަމް އެވެ. މި ގޯލު އޭނާ ކާމިޔާބު ކުރީ ބާސާގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މި މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު މި ސީޒަނުގައި ބެލިންހަމް ރެއާލަށް ކުޅެދިން 13 މެޗުގައި ޖެހި ގޯލުގެ އަދަދު ވަނީ 13 އަށް އަރާފަ އެވެ.