Last Updated: July 27, 09:39
Saturday, July 27, 2024
ދުނިޔެ

ގާޒާ އަށް ސްޓާލިންކް އިންޓަނެޓް

ގާޒާ އަށް ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ދޭން ނިންމައިފި އެވެ.

މިކަން އިއްޔެ އިއުލާންކުރެއްވީ ސްޓާލިންކް ހިންގާ ކުންފުނި، ސްޕޭސް އެކްސްގެ ވެރިޔާ މަހުޖަނު އީލޮން މަސްކް އެވެ. އޭނަ ވިދާޅުވީ އިޒްރޭލުން މިހާރު ދެމުންދާ ހަމަލާތަކާ ގުޅިގެން ގާޒާ އަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތްކުރާ ފަރާތްތަކަށް މުވާސަލާތީ ދަތިތަކާ ހެދި މުއާމަލާތްތައް ކުރުމުގެ ހުރަސް އެޅިފައިވާތީ އިންސާނީ އެހީފޯރުކޮށްދޭން މަސައްކަތްކުރާ ފަރާތްތަކަށް ސްޓާލިންކްގެ އިންޓަމެޓްގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން އެކި ފަރާތްތަކުން ސްޓާލިންކަށް ޝުކުރު އަދާކޮށްފައިވެ އެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއީގެ ވެރިޔާ ޓެޑްރޯސް އަންދަނޮމް ވެސް އެކަމަށްޓަކައި މަރުހަބާ ވިދާޅުވެ، ޝުކުރު އަދާކުރައްވާފައިވެ އެވެ.

އިޒްރޭލުން މި މަހުގެ 7 އިން ފެށިގެން ގާޒާ އަށް ދެމުންދާ ހަމަލާތަކާ ހެދި އެތަނުގެ ހާލަތު، ޖުމްލަކޮށް މުޅި ފަލަސްތީނު މި ވަގުތު އޮތީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ. އެގޮތުން ކަރަންޓާއި ތެޔޮ ފަދަ އަސާސީ ހިދުމަތްތަކަަށް ޖެހުމާ ގުޅިގެން، އެހީގެ މަސައްކަތްތަކަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި އެވެ.

މި ދަނޑިވަޅުގައި ސްޓާލިންކްގެ ހިދުމަތް ގާޒާ އަށް ދޭން ސްޕޭސް އެކްސް އިން ނިންމި އިރު، މިދިޔަ އަހަރުގެ ކުރީކޮޅު ރަޝިއާ އިން ޔުކްރޭނަށާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، އެ ގައުމަށް ވެސް ސްޓާލިންކްގެ ހިދުމަތް ހިލޭ ފޯރުކޮށް ދީފައިވެ އެވެ.

ސްޓާލިންކަކީ ބިޔަ ސެޓެލައިޓް ވިއުގައަކުން، ބިނާކޮށް ތަރައްގީކުރަމުން އަންނަ އިންޓަނެޓް ހިދުމަތެކެވެ.