Last Updated: July 27, 19:05
Saturday, July 27, 2024
ކުޅިވަރު

ހާލަންޑްގެ ދެ ގޯލުން ޔުނައިޓެޑް ބަލިކޮށްފި

އާލިން ހާލަންޑްގެ ދެ ގޯލުން މެންޗެސްޓާ ސިޓީން 3-0 އިން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

މި މޮޅާއެކު ސިޓީ އޮތީ 24 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި އޮތް އާސެނަލަށް ވެސް 24 ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އެއްވަނައިގައި 26 ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމް އެވެ. މި މެޗުން ބަލިވި ޔުނައިޓެޑް އޮތީ 15 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގަ އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 26 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ހާލަންޑް އެވެ. މިއީ ޔުނައިޓެޑްގެ ފޯވާޑް ރަސްމުސް ހޮއިލުންޑް ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އަށް ޕެނަލްޓީއޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ހާލަންޑަށް ދެވަނަ ގޯލެއް ކާމިޔާބު ކުރަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ މަތަކުރީ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ އެވެ.

ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ހާލަންޑް ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ބަނާޑޯ ސިލްވާ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހާލަންޑް ބޮލުން ގޯލަށް ފޮނުވާލީ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ އެވެ. މި ގޯލަށް ފަހު ވެސް ސިޓީން ދިޔައީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ސިޓީން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި އޮނާނާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

ސިޓީން މި މެޗުގައި ޖެހި ތިންވަނަ ގޯލު ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ.

މިއީ ތިން ގޯލުގެ ތަފާތަކުން ސިޓީ އަތުން ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅެ ބަލިވި ތިންވަނަ ފަހަރެވެ. ލީގުގައި 10 މެޗު ކުޅެ ނިމުނުއިރު ޔުނައިޓެޑް ވަނީ ފަސް މެޗުން ބަލިވެ ފަސް މެޗުން މޮޅުވެފަ އެވެ.