Last Updated: July 27, 15:08
Saturday, July 27, 2024
ކުޅިވަރު

ބެލޮންޑިއޯ އެވޯޑް 8 ވަނަ ފަހަރަށް މެސީ އަށް

އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ކެރިއަރުގައި ރެކޯޑް އަށް ވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑް ހާސިލްކޮށްފި އެވެ.

ފްރާންސުގެ މަޝްހޫރު ކުޅިވަރު މަޖައްލާ ފްރާންސް ފުޓްބޯލް އިން ދިން މި އެވޯޑް މެސީ ކާމިޔާބުކުރީ މެންޗެސްޓާ ސިޓީގެ ޒުވާން ފޯވާޑް އާލިން ހާލަންޑާއި ވާދަކޮށްގެންނެވެ.

ބެލޮންޑިއޯ އެވޯޑު މެސީ އެންމެ ފުރަތަމަ ހާސިލުކުރީ 2009 ވަނަ އަހަރު އެވެ. އޭގެފަހުން 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރާއި 2015 ވަނަ އަހަރު އަދި 2019 އަހަރާއި 2021 ވަނަ އަހަރު ވެސް މި އެވޯޑު ގެންގޮސްފައިވަނީ މެސީ އެވެ. މެސީ އަކީ މި އެވޯޑު އަށް ފަހަރަށް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

އެމެރިކާގެ އިންޓަ މަޔާމީ އަށް ކުޅެމުން އަންނަ މެސީ ވަނީ މިދިޔަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އެ މުބަރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހާސިލުކުރީ މެސީ އެވެ. ބާސެލޯނާ އަދި ޕީއެސްޖީ އަށް ކުރިން ކުޅުނު މެސީ ވަނީ އިންޓަ މަޔާމީ އަށް ބަދަލުވުމަށްފަހު އެ ކްލަބަށް ފުރަތަމަ ފަހަރަށް ތައްޓެއް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. އެގޮތުން އެ ކްލަބަށް ކުޅެދިން 14 މެޗުގައި 11 ގޯލު މެސީ ވަނީ ކާމިޔާބުކޮށްފަ އެވެ.

ބެލޮންޑިއޯ އެވޯޑުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ ބާސެލޯނާގެ ތަރި އައިޓާނާ ބޮންމަޓީ އެވެ. އެންމެ މޮޅު ކީޕަރުގެ މަގާމު އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ގެންދިޔައިރު ގެންދިޔައިރު އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު މިފަހަރު ގެންދިޔައީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖޫޑް ބެލިންހަމް އެވެ.

އެންމެ މޮޅު ފިރިހެން ކްލަބަކަށް މެންޗެސްޓާ ސިޓީ ހޮވުނުއިރު އެންމެ މޮޅު އަންހެން ކްލަބަކީ ބާސާ އެވެ. އަދި އެންމެ މޮޅު ފޯވާޑުގެ މަގާމު ލިބިފައިވަނީ ހާލަންޑަށެވެ.