Last Updated: July 27, 15:08
Saturday, July 27, 2024
ކުޅިވަރު

ވޯލްޑް ކަޕް 2034 ސައުދީގައި

ވޯލްޑް ކަޕް 2034 ބޭއްވުމުގެ ފުރުސަތު ސައުދީ އަރަބިއްޔާ އަށް ލިބިއްޖެ އެވެ.

ސައުދީ އަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ލިބުނީ 2034 ވަނަ އަަހަރުގެ ވޯލްޑްކަޕް ބާއްވަން ބިޑް ކުރަން ހުޅުވާލި ފުރުސަތު އިއްޔެ ހަމަވިއިރު އެގައުމުން އެކަނި ބިޑްކުރުމާ ގުޅިގެންނެވެ. ވޯލްޑް ކަޕް 2034 ބާއްވަން ބިޑްކުރަން ފީފާ އިން ދީފައިވަނީ އެންމެ 25 ދުވަހުގެ މުއްދަތެކެވެ.

ސައުދީ އަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ދިންކަން ރަސްމީކޮށް ފީފާ އިން އިއުލާން ކުރާނީ އަންނަ އަހަރު ބާއްވާ ފީފާގެ ކޮންގްރެސްގައި ނަގާ ވޯޓަކުންނެވެ.

ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ސައުދީ އަށް ލިބިފައިވާއިރު މިއަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ވެސް އެގައުމުގަ އެވެ. އަދި 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސައުދީގަ އެވެ.

ސައުދީން އެގައުމުގެ ލީގު ވެސް ވަރުގަދަ ކުރަމުން އަންނައިރު އެ ލީގުގައި ދުނިޔޭގެ ނަން މަޝްހޫރު އެތައް ތަރިންތަކެއް އަންނަނީ ކުޅެމުންނެވެ. އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރީމް ބެންޒެމާ އަދި ނޭމާ މެންފަދަ ކުޅުންތެރިން ފާހަގަކޮށްލެވެ އެވެ.

ވޯލްޑް ކަޕަށް ހަ ފަހަރު ކޮލިފައިވެފައިވާ ސައުދީން ވަނީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ބަލިކޮށް ދުނިޔެ ސިއްސުވާލައިފަ އެވެ.