Last Updated: December 5, 23:15
Tuesday, December 5, 2023
ކުޅިވަރު

އާސެނަލްގެ ބަލިނުވުމުގެ ސިލްސިލާ އަށް ނިމުމެއް

ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެ އާސެނަލްގެ ބަލިނުވުމުގެ ސިލްސިލާ އަށް ނިމުން އަތުވެއްޖެ އެވެ.

މި ނަތީޖާއާ އެކު ކުޅުނު 11 މެޗުން ލިބުނު 24 ޕޮއިންޓާ އެކު އާސެނަލް އޮތީ ތިން ވަނައިގަ އެވެ. ނިއުކާސަލް އޮތީ 20 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. އެއް ވަނައިގައި 27 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ނިއުކާސަލަށް ކާމިޔާބުކޮށް ދިނީ އެންތޮނީ ގޯޑަން އެވެ.

މި ގޯލު ނިއުކާސަލް އިން ކާމިޔާބު ކުރީ ބޯޅަ ބޭރުވެފައި އޮއްވާ ބޯޅަ އެތެރެކޮށްގެން ނެގި ހުރަހަކުން ކަމަށާއި އަދި ޕެނަލްޓީއޭރިއާ ތެރެއިން އާސެނަލްގެ ކުޅުންތެރިއަކަށް ފައުލް ކުރި ކަމަށް ބުނެ އާސެނަލުން ވަރަށް ބޮޑަށް މައްސަލަ ޖެއްސިއިރު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އެ ގޯލުގައި ގޯހެއް ނެތް ކަމަށެވެ.

މި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މި މެޗުން އާސެނަލް ބަލިވުން ހައްގު ނޫން ކަމަށާއި މެޗުން ބަލިވީ މެޗު އޮފިޝަލުން ނިންމި ގޯސް ނިންމުންތަކުގެ ސަބަބުން ކަމަށެވެ. މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ވީއޭއާރް ބެލުމަށްފަހު މެޗުގެ އޮފިޝަލުން ނިންމާ ނިންމުންތައް ހުރީ ލީގުގެ ފެންވަރާ އެއް ހަމައެއްގައި ނޫން ކަމަށް އާޓެޓާ ބުންޏެވެ.

އަދި ނިއުކާސަލުން ޖެހި ގޯލަކީ ރަނގަޅު ގޯލެއް ނޫން ކަމަށާއި ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ މޮޅު ލީގު ކަމަށްވާއިރު މިފަދަ ނިންމުންތަކުގެ ސަބަބުން ލަދުގަންނަ ކަމަށްވެސް އާޓެޓާ ބުންޏެވެ.