Last Updated: October 24, 18:51
Thursday, October 24, 2024
ކުޅިވަރު

ލޫޓަން އަތުން ލިވަޕޫލަށް ލިބުނީ ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލޫޓަން ޓައުން އާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ 11 މެޗު ކުޅެގެން ލިބުނު 24 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ލޫޓަން އޮތީ ހަ ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ. ލޫޓަން އަށް ލީގުގައި އަދި ހޯދިފައިވަނީ އެންމެ މޮޅެކެވެ.

ލޫޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު ދެވަނަ ހާފްގައި ލިވަޕޫލަށް ލީޑު ނަގައިދޭން އެޓީމުގެ ފޯވާޑް ޑާވިން ނުނޭޒަށް މުޅިން ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ލޫޓަންގެ ގޯލު ކުރިމަތީ ހުހަށް ހުރެ ނުނޭޒް ފޮނުވާލި ހަމަލާ ދިޔައީ ދަނޑި މަތިން ބޭރަށެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލޫޓަން އިންނެވެ. ލޫޓަން އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ގޯލު ކާމިޔާބުކޮށްދިނީ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޓަހިތް ޗޮންގް އެވެ. މި ގޯލާއެކު ލީގުގެ ފުރަތަމަ މޮޅު ހޯދުމާ ގާތަށް ލޫޓަން ޖެހިލި ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލުއިސް ޑިއާޒް ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ހާވީ އެލިއޮޓް ލޫޓަންގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޑިއާޒް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ޑިއާޒް ވަނީ މިވަގުތު ކޮލަމްބިއާގެ ގޭންގަކުން ރަހީނުކޮށްފައިވާ އޭނާގެ ބައްޕަގެ މިނިވަން ކަމަށް ގޮވާލާ ލިޔެފައިވާ ހާއްސަ މެސެޖެއް ދައްކާލާފަ އެވެ. ޑިއާޒްގެ ބައްޕަ ހޯދަން ކޮލޮމްބިއާގެ އަސްކަރިއްޔާގެ ސިފައިންނާއި ފުލުހުން ގުޅިގެން ވަރުގަދަ މިލިޓަރީ އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ބްރެންޓްފޯޑްއާ އެވެ. ލޫޓަން ނިކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.