Last Updated: December 5, 22:37
Tuesday, December 5, 2023
ޚަބަރު

ފަލަސްތީނަށް އެހީވާން ފޭދޫ އަވަށު އޮފީހުން 50،000ރ.

ފަލަސްތީނަށް އެހީވާން އައްޑޫ ފޭދޫ އަވަށު އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި އާއިލީ ހަވީރުން ލިބުނު 50،000 އަށް ވުރެ ގިނަ ރުފިޔާ މިއަދު ދިވެހި ރެޑް ކްރެސެންޓާ ހަވާލުކޮށްފި އެވެ.

އެ ފައިސާ ހަވާލުކުރީ މެންދުރު ފަހު ގަމުގެ އީކްއޭޓަ ވިލެޖްގައި ބޭއްވި ހަފުލާއެއްގަ އެވެ. އެގޮތުން ރެޑް ކްރެސެންޓްފަރާތުން ފައިސާއާ ހަވާލުވަޑައިގެންނެވީ އައްޑޫ މެނޭޖަރު ޝަފްނާ އަހުމަދުދީދީ އެވެ. ފޭދޫ އަވަށު އޮފީހުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލް އެގްޒެކެޓިވް ހަސަން ޒަރީރެވެ.

ފަލަސްތީނަށް އެހީވާން ފަންޑް ރެއިޒިން އިވެންޓެއްގެ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާއިލީ ހަވީރުން ލިބުނު ޖުމްލަ ފައިސާގެ އަދަދަކީ 50،565ރ. އެވެ. މި އާއިލީ ހަވީރު ބޭއްވީ ފޭދޫ އަވަށު އޮފީހާއި ރެޑް ކްރެސެންޓްގެ އައްޑޫ ގޮތްޕާއި އީކްއޭޓަ ވިލެޖާއި އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ފޭދޫ ސިއްހީ މަރުކަޒާއި ފޭދޫ ސްކޫލްގެ އިތުރުން މިޝްކަތު ފައުންޑޭޝަން ގުޅިގެންނެވެ.

މި އިވެންޓަކީ ފަލަސްތީނަށް އެހިވާން ފައިސާ އެއްކުރަން ފޭދޫ އަވަށު އޮފީހުން ބޭއްވި ދެވަނަ އިވެންޓެވެ. ފުރަތަމަ އިވެންޓަކީ މިދިޔަ މަހުގެ 17 ގައި ބޭއްވި ވެހިކަލް ބުރެވެ.