ނިކޮލަސް ޖެކްސަންގެ ހެޓްރިކުން ޓޮޓެންހަމްގެ މައްޗަށް 4-1 އިން ޗެލްސީން ކުރި ހޯދައިފި އެވެ.
މިއީ ޓޮޓެންހަމް މި ސީޒަނުގެ ޕްރިމިއާ ލީގުގައި ބަލިވި ފުރަތަމަ މެޗެވެ. މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ 11 މެޗު ކުޅެގެން ލިބުނު 26 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. ޗެލްސީ އޮތީ 15 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ. އެއްވަނައިގައި 27 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަވަނަ މިނެޓްގައި ޑެޖާން ކުލުސެވްސްކީ ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ޓޮޓެންހަމްގެ ކެޕްޓަން ސޮން މިން ހެއުން ޓޮޓެންހަމަށް ދެވަނަ ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް އެ ގޯލު ކާމިޔާބު ކުރިއިރު ސޮން ހުރީ އޮފްސައިޑުގައި ކަމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ވަނީ އެ ގޯލު ކެންސަލްކޮށްފަ އެވެ.
ޓޮޓެންހަމުން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 33 ވަނަ މިނެޓްގައި ޗެލްސީގެ އެންޒޯ ފެނާންޑޭޒަށް ޕެނަލްޓީއޭރިއާ ތެރެއިން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ޓޮޓެންހަމްގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އަށް ރަތްކާޑު ދެއްކުމަށްފަހު ޗެލްސީ އަށް ޕެނަލްޓީއެއް ދީފަ އެވެ. މި ޕެނަލްޓީ ޗެލްސީ އަށް ކާމިޔާބުކޮށްދީ ނަތީޖާ އެއްވަރުކޮށްދިނީ ކޯލް ޕާމާ އެވެ.
މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކު ފުރިހަމަ ކުރަން ޖެހުނު ޓޮޓެންހަމަށް އިތުރު މައްސަލަތަކެއް ދިމާވީ މެޗުގެ 55 ވަނަ މިނެޓްގައި އެޓީމުގެ ޒުވާން ފުލްބެކް ޑެސްޓިނީ އުޑޮގީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ. ޓޮޓެންހަމުން 9 ކުޅުންތެރިންނާއެކު މެޗު ނިންމާލަން ޖެހުނުއިރު ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 75 ވަނަ މިނެޓްގައި ޖެކްސަން ވަނީ ޗެލްސީ އަށް ލީޑު ނަގައިދީފަ އެވެ.
ނަތީޖާ އެއްވަރުކޮށްލަން ޓޮޓެންހަމްގެ ސޮން އަދި ރޮޑްރީގޯ ބެންޓަންކޫރަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު ޗެލްސީގެ ތިންވަނަ ގޯލު ޖެކްސަން ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގެ ތެރޭގަ އެވެ. އަދި އޭގެ ތިން މިނެޓްފަހުން ޖެކްސަން ވަނީ ޗެލްސީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އެވެ. ޓޮޓެންހަމް ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.