ދީނީ އެކި މައުޟޫތަކަށް މީގެ ކުރިން ވެސް ފޮތްތަކެއް ލިޔެ، ނެރުއްވާފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަނެއްކާ ވެސް އާ ފޮތެއް ނެރުއްވައިފި އެވެ.
ރޭ ބޭއްވި ހަފުލާއެއްގައި ނެރުނީ އޭނަގެ "އިސްލާމީ ނަޒަރިއްޔާތު" އެވެ. ޝަހީމު އިސްކޮށް ހުންނަވައިގެން ހިންގަވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ދަށުން ނެރުނު މި ފޮތް ރޭ ނެރެދެއްވީ "އެވިޑް ކޮލެޖުގެ ޗެއާމަން މުހައްމަދު މުޝްތާގެވެ.
"އިސްލާމީ ނަޒަރިއްޔާތު" އަކީ އައިއޯސީސީން މި އަހަރު ނެރުނު ފަހު ފޮތެވެ.
ޝަހީމް ވިދާޅުވީ އާ ފޮތުގައި އިސްލާމީ ނަޒަރިއްޔާތުން ވަރަށް ގިނަ ވާހަކަތައް ގެންނަވާފައި ހުންނާނެ ކަމަށާއި މިއީ މައުލޫމާތުގެ މުއްސަނދި ކިޔުންތެރިންނަށް ވަރަށް ބޭނުންތެރި ފޮތަކަށް ވާނެ ކަމަށެވެ. "އިސްމާލީ ނަޒަރިއްޔާތު" އަލިއަޅުވާފައިވާ ދާއިރާތަކުގެ ތެރޭގައި ގައުމު ބިނާކުރުމާއި ދައުލަތް ހިންގުމާއި ވެރިކަން ހިންގުމުގެ އިދާރީ ނިޒާމާއި ޓޫރިސްޓުންނަށް ރައްކާތެރިކަން ދިނުމާއި އިސްލާމްދީނުގައި އަންހެނުންގެ މަގާމާއި ދީނީ ފަތުވާ ދިނުމުގެ ނިޒާމާއި އެ ނިޒާމު ހަރުދަނާ ކުރުން އަދި ޖިހާދު ކުރުމުގެ ފަލްސަފާ ފަދަ ބައިތައް ހިމެނޭ ކަމަށް ޝަހީމު ވިދާޅުވި އެވެ.