ޔަންގް ބޯއީސް 3-0 އިން ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން މެންޗެސްޓާ ސިޓީ ޖާގަ ހޯދިއިރު، އޭސީ މިލާނުން ޕީއެސްޖީގެ މައްޗަށް 2-1 އިން ކުރި ހޯދައިފަ އެވެ.
މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ސިޓީ ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާ އެކު އެވެ. މި ގްރޫޕުން ސިޓީއާއެކު ދެން ދެވަނަ ބުރަށް ދަތުރުކުރީ ރެޑްބުލް ލީޕްޒިގް އެވެ. އެ ޓީމަށް ހަތަރު މެޗުން ވަނީ 9 ޕޮއިންޓް ލިބިފަ އެވެ. ގްރޫޕްގައި ބާކީ އަދި ދެ މެޗު އޮތްއިރު މި ގްރޫޕްގައި ދެން ހިމެނޭ ރެޑް ސްޓާ ބެލްގްރޭޑް އަދި ޔަންގް ބޯއީސް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބު ކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އާލިން ހާލަންޑް އެވެ. މި ދެ ގޯލާއެކު އުމުރުން 23 އަހަރުގެ ހާލަންޑް ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކުރި ގޯލުގެ އަދަދު ވަނީ 39 އަށް އަރާފަ އެވެ. ސިޓީގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ.
މިލާނުން ޕީއެސްޖީ ބަލިކުރުމާއެކު އެޓީމަށް ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު އާވެގެން ގޮސްފަ އެވެ. މި ގްރޫޕްގެ އެއްވަނައިގައި 7 ޕޮއިންޓާ އެކު ބްރޫޝިއާ ޑޯޓްމަންޑް އޮތްއިރު ދެވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ޕީއެސްޖީ އެވެ. ފަސް ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައި މިލާން އޮތްއިރު ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ފުލުގައި އޮތީ ނިއުކާސަލް ޔުނައިޓެޑެވެ. މި ގްރޫޕްގައި ކޮންމެ ޓީމަކަށް ވެސް ދެ މެޗު ބާކީ އަދި އޮންނާނެ އެވެ.
މިލާންގެ ދަނޑުގައި ކުޅުނު މި މެޗުގެ 9 ވަނަ މިނެޓްގައި މިލާން ސްކްރިނިއާރް ވަނީ ޕީއެސްޖީ އަށް ލީޑު ނަގައިދީފަ އެވެ. މިލާންގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ސްކްރިނިއާރް ބޯޅަ ގޯލަށް ވައްދާލީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ޕީއެސްޖީ އަށް ލީޑު ހިފަހައްޓާލެވުނީ އެންމެ ތިން މިނެޓަށެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓްގައި މިލާނުން ނަތީޖާ އެއްވަރުކުރީ ރަފޭލް ލިއާއޯގެ ހިތްގައިމު ގޯލުންނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ނަގަން ޕީއެސްޖީ އަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން އޮސްމާނޭ ޑެމްބެލޭ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ. މިލާން މި މެޗުން މޮޅުވި ގޯލު މެޗުގެ 50 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫ އެވެ.
މި ގްރޫޕްގައި ރޭ ޑޯޓްމަންޑުން ވަނީ އަމިއްލަ ދަނޑުގައި ނިއުކާސަލްގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ.