Last Updated: December 5, 23:15
Tuesday, December 5, 2023
ކުޅިވަރު

ރަޝްފޯޑަށް ރަތެއް، ޔުނައިޓެޑަށް ލަދުވެތި ބައްޔެއް

ޗެމްޕިއަންސް ލީގުގައި ރޭ މާކަސް ރަޝްފޯޑަށް ދެއްކި ރަތް ކާޑާ އެކު މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މެންޗެސްޓާ ޔުނައިޓެޑް ރަށުން ބޭރުގައި 4-3 އިން ކޮޕަންހޭގަން އަތުން ބަލިވެއްޖެ އެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ތިން ޕޮއިންޓާ އެކު ގްރޫޕް އޭގެ ފުލުގަ އެވެ. ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައި ގަލަތަސަރާއީ އޮތްއިރު ދެވަނައިގައި އޮތް ކޮޕަންހޭގަން އަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ކޮޕެންހޭގަނަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. އެއްވަނައިގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އޮތީ ބަޔާން މިއުނިކެވެ. ބަޔާން ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ.

ކޮޕަންހޭގަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 30 މިނެޓްތެރޭ ޔުނައިޓެޑުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. މި ދެ ގޯލު ވެސް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ރަސްމުސް ހޮއިލުންޑް އެވެ. މެޗުގެ 42 ވަނަ މިނެޓްގައި ކޮޕަންހޭގަންގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ރަޝްފޯޑަށް ދެއްކި ރަތްކާޑާއެކު ޔުނައިޓެޑުން މެޗުގެ ބޮޑުބައި ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.

ރަޝްފޯޑަށް ރަތްކާޑު ދެއްކިތާ ތިން މިނެޓްފަހުން އެލްޔުނީސީ ވަނީ ކޮޕަންހޭގަންގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ގޮންކަލްވޭސް ވަނީ ކޮޕަންހޭގަން އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ޕެނަލްޓީ ކޮޕަންހޭގަން އަށް ލިބުނީ ޕެނަލްޓީއޭރިއާ ތެރެއިން ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 69 ވަނަ މިނެޓްގައި ޔުނައިޓެޑުން ވަނީ އަލުން ލީޑު ނަގާފަ އެވެ. ކޮޕަންހޭގަންގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. ކޮޕަންހޭގަން އިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރީ މެޗުގެ 83 ވަނަ މިނެޓްގައި ލެރާގާގެ ގޯލުންނެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން އުމުރުން 17 އަހަރުގެ ރޫނީ ބަރްގީ ވަނީ ކޮޕަންހޭގަންގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.

މި ގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރި ބަޔާނުން ރޭ ވަނީ އަމިއްލަ ދަނޑުގައި ގަލަތަސަރާއީ 2-0 އިން ބަލިކޮށްފަ އެވެ. ބަޔާންގެ ދެ ގޯލު ވެސް މި މެޗުގައި ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ.