Last Updated: December 6, 23:06
Wednesday, December 6, 2023
ޚަބަރު

ކޮކަ ކޯލާ ބުއިން ނިމުނީ: އަލީ ރަމީޒު

ފަލަސްތީނާ ދެކޮޅަށް މިހާރު ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިންގަމުންދާ އިޒްރޭލަށް ކޮކަ ކޯލާ ކުންފުނިން ސަޕޯޓްކުރާތީ އެ ބުއިން ދެން ދުވަހަކު ވެސް ބޭނުން ނުކުރާނެ ކަމަށް އަލީ ރަމީޒު ބުނެފި އެވެ.

ރާއްޖޭގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުރީގެ ފަންނާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ "ދެން ދުވަހަކު ވެސް ކޮކަ ކޯލާއެއް ނުބޯނަން" ކަމަށެވެ.

"[އެކަން] ނިމުނީ." އަލީ ރަމީޒު ބުންޏެވެ.

ރާއްޖޭގައި މިހާރު ދީނީ މައުލޫމާތު ފެތުރުމުގެ މަސައްކަތުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒު ބުނީ މި ދަނޑިވަޅުގައި އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިޒްރޭލާ ދެކޮޅު ހަދަން ޖެހޭ ކަމަށެވެ.

އިޒްރޭލުން މިދިޔަ މަހުގެ 7 އިން ފެށިގެން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަސް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުގެ މި އަނިޔާވެރިކަން ކުރިއަށްދާ އިރު، ޔަހޫދީ ދައުލަތަށް ސަޕޯޓްކުރާ މަޝްހޫރު ކުންފުނިތަކެއް ބޮއިކޮޓްކުރަން ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި ކޮކަ ކޯލާ އާއި މެކްޑޮނަލްޑްސް އާއި ނެސްލޭ ފަދަ ކުންފުނިތައް ހިމެނެ އެވެ.

އިޒްރޭލަށް ތާއީދުކުރާތީ ތުރުކީން މި ހަފުތާގައި ވަނީ ކޮކަ ކޯލާ އާއި ނެސްލޭގެ އުފެއްދުންތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގައި ބޮއިކޮޓްކުރަން ނިންމައިފަ އެވެ.

އިޒްރޭލު މީހުން ރާއްޖެ އައުމާއި އެ ގައުމުގެ އުފެއްދުންތައް ރާއްޖެ އަށް އެތެރެކުރުން ފަދަ ހުރިހާ މުއާމަލާތްތަކެއް ހުއްޓާލައި، އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހުގެ ތެރޭގައި ގަރާރެއް ހުށަހަޅާފައިވެ އެވެ. އެ ގަރާރު ހުށަހެޅުއްވީ ވިލިގިނލީ ދާއިރާގެ މެންބަރު ސައުދު ހުސައިނެވެ.