Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

އެމްޑީޕީން ހުށަހެޅި މައްސަލައިގެ ހުކުމް މިއަދު ހަވީރު

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު-

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގޮސް އޮތް މައްސަލައާ ގުޅުވާ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ކުރުން މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ދެކޮޅަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް 3 ފަރާތަކުން ތަދައްޚުލުވެފައިވެއެވެ. އެއީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މި މައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 04:00 ގައެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެމްޑީޕީން އެދިފައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބަލައިގެން ޖަލްސާ ކެންސަލް ކުރީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށެވެ. މީގެއިތުރުން އެމްޑީޕީން އެދިފައިވަނީ ރައީސް ވަކިކުރުމުގެ މައްސަލައަށް ނައިބު ރައީސަށް ހާޒިރު ނުވެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުގެ މަތީން ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. މި މައްސަލައިގައި ޕީޕީއެމް ޕީއެންސީގެ ފަރާތުންވެސް އެދިފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސްއަށް ކުރިއަށް ނުގެންދެވޭ ހާލަތުގައި އާންމު މެމްބަރަކު ރިޔާސަތު ބަލަަހައްޓަވައިގެން ނަމަވެސް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. ދަ ޑިމޮކްރެޓްސް ޕާޓީން މި މައްސަލައިގައި އެދިފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ އަދި މަޖިލީހަށް ހުށަހެޅިފައިނުވާތީ މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ޑިމޮކްރެޓްސްއިން ވަނީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަންނަންޖެހޭވަރުގެ ކަމެއް އަދި ނެތްކަމަށް ވެސް ބުނެފައެވެ.

މި މައްސަލައަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ހުށަހަޅުއްވާފައިވަނީ ހައްލު ހޯދޭނޭ 4 ގޮތެކެވެ. އެގޮތްތަކަކީ:
1) މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ (ށ) ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އަމިއްލަ އިސްނެންގެވުމުގެ މަތިން ގަވާއިދަށް ގެންނަ އިސްލާހެއް ގެންނެވުމަށްފަހު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުން،
2) މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށް މަޖިލީހުގެ މެމްބަރަކު މަޖިލީހަށް ގަރާރެއް ހުށަހެޅުން ؛ އެހެނަނަމަވެސް މިވަގުތު މިކަމަކީ ގިނަ ވަގުތު ހޭދަވާނެ ފަދަ ކަމަކަށް ވާނެތީ މިއީ އެންމެ އެކަށޭނަ ހައްލަށް ނުވެދާނެކަން ފާހަގަކުރެއްވި،
3) މަޖިލީހުގެ ގަވާއިދުގެ 249 މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގެ ގަވާއިދަށް ގެންނަން ފެންނަ އިސްލާހު މައްސަލައެއްގެ ގޮތުގައި ހުށަހެޅުން ؛ މިހާރު ވެސް އެފަދަ މައްސަލައެއް އޮތްކަން ފާހަގަކޮށް ނިއުޝާ ވިދާޅުވީ އެ މައްސަލަ އެޖެންޑާކުރަން ނައިބު ރައީސްގެ ކިބައިން އެދިފައިވާނެ ކަމަށް،
4) މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގައި މިހާލަތުގައި އަމަލުކުރާނެ ގޮތެއް ނެތުމުން، 250 ވަނަ މާއްދާގެ ދަށުން ގަވައިދުގައި ބަޔާންކޮށްފައި ނުވާކަމެއް ދިމާވެއްޖެކަމަށް ބަލާ، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުން، މިއެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.