Last Updated: December 5, 22:37
Tuesday, December 5, 2023
ޚަބަރު

އައްޑޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް 113،000ރ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ފޭދޫއަށް ނިސްބަތްވާ މިޝްކަތު ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ ފަންޑް ރެއިޒިންގް ހަރަކާތުން 113،000ރ. އަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

މިޝްކަތު ފައުންޑޭޝަނުން ފޭދޫ އަދި މަރަދޫ ފޭދޫގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި، 113،108.25ރ. ވަނީ އެއްކޮށްފައެވެ. މީގެ އިތުރުން ޑޮލަރުން 355 ޑޮލަރުވެސް ހަރަކާތްތަކުން ލިބިފައިވާ ކަމަށް އެ ޖަމީއްޔާއިން ބުނެއެވެ.

ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމުގެ ހަރަކާތްތައް އެ ޖަމީއްޔާއިން ފަށާފައިވަނީ މިދިޔަ އޮކްޓޫބަރ މަހުގެ 13 ވަނަ ދުވަހުއެވެ. އެގޮތުން މަގުމަތީގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ހޯދުމާއި، ވެހިކަލް ބުރެއް ބާއްވައި ފައިސާ ހޯދުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ފޭދޫގެ ތިން ފިހާރަ ކަމަށްވާ ފައިސް މާޓު، ސްޕްރިންގް ލީފް، އަދި ދަ ގްލޫޓެން ގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ހޯދާފައިވާއިރު، ގަން، ފޭދޫ އަދި މަރަދޫ-ފޭދޫގެ މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓައިގެން ވަނީ ފައިސާ ހޯދާފައެވެ.

މި ފައިސާ އެ ޖަމީއްޔާއިން ހަވާލު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއެވެ. އެގޮތުން އެންމެ ލަސްވެގެން އާދިއްތަ ދުވަހާއި ހަމައަށް ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކުރެވޭނެ ކަމަށް މިޝްކަތު ފައުންޑޭޝަނުން ބުނެއެވެ. އެ ޖަމީއްޔާގެ ފަރާތުން މިހާރު ހޯދާފައިވާ ފައިސާ އަކީ ނަގުދު ފައިސާ އެކަނި ކަމަށާއި، އޮންލައިންކޮށް ފަންޑް ރެއިޒިންގް ހަރަކާތުގެ ތެރެއިން ޖަމާއު ކުރަން ބޭނުންވި ފަރާތްތަކަށް، އައިއޭސީގެ އެކައުންޓަށް ސީދާ ޖަމަޢު ކުރުމަށް އެހީތެރިވެދީފައިވާ ކަމަށް އެ ޖަމީއްޔާއިން ބުނެއެވެ.

މިޝްކަތު ފައުންޑޭޝަނުން ބުނީ، އަދިވެސް ކުރިއަށް އޮތް ތަނުގައި ފަލަސްތީނަށް އެހީވާން ބޭނުންވާ ފަރާތްތަކަށް އައިއޭސީ މެދުވެރިކޮށް އެހީވުމުގެ ފުރުސަތު އޮތް ކަމަށެވެ. މީގެ އިތުރުން އަދިވެސް ރައްޔިތުން އެދޭނަމަ ފަންޑް ރެއިޒިންގް އަށް އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިވަގުތު އެ ޖަމީއްޔާގެ ފަރާތުން ދަނީ އިޒްރޭލު ރައްޔިތުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް ހެދުމަށް ގޮވާލާ ޕެޓިޝަނަށް އައްޑޫއިން ސޮއި ހޯދަމުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ފަލަސްތީނަށް އެހީވުމަށް އައްޑޫގެ އެކި އަވަށްތަކުގައި ގިނަ ހަރަކާތްތައް މިހާތަނަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ހަރަކާތްތަކުން ވަނީ ގިނަ އަދަކަށް ފައިސާވެސް ހޯދާފައެވެ.