Last Updated: July 27, 15:08
Saturday, July 27, 2024
ރިޕޯޓް

"ތީ ކޮން ޖީލެއް؟"

ސޯޝަލް މީޑިއާ އަކީ އަބަދު ވެސް ވަރަށް ތަފާތު ކަންކަން ތިލަކޮށްދޭ މައިދާނެކެވެ. މީގެ ތިން ވަރަކަށް އަހަރު ކުރިން ވަރަށް "ހައު އިޓް ސްޓާޓެޑް، ހައި އިޓްސް ގޮއިން" ޓްރެންޑްވެ، އެހާރާއި މިހާރުގެ ގިނަ ހަނދާންތަކެއް އާކޮށްފައިވެ އެވެ.

މިހާރު ހަމަ އަނެއްކާ ވެސް ހަމަ މިފަދަ ފޯރިގަނޑެކެވެ. މި ފަހަރު ފޭސްބުކްގައި މިއޮތީ މުޅިން ވެސް "ތީ ކޮން ޖީލެއް؟" ގެ ވާހަަކަ އެވެ.

މި ޓްރެންޑްވެ، މިއާ ވިއްދައިގެން މިހާރުން އަންނަނީ އަނެއްކާ ވެސް ކުރީގެ ހަނދާންތައް އާކުރަމުންނެވެ. އެގޮތުން އެ މީހަކު އުފަންވި ޒަމާނަކާ ގުޅުވައި އެ ދުވަސްވެއްގައި ބޭނުންކޮށްފައިވާ ތަކެއްޗާއި ކޮށްފައިވާ ކަންކަމާއި މާޒީގެ ވަރަށް ގިނަ ހަނދާން އެކި ގޮތްގޮތަށް މިހާރު އަންނަނީ އާކުރަމުންނެވެ.

އެގޮތުން ކުރީގެ ބޮޑެތި 28 ސައިޒްގެ ބައިސްކަލުގައި ދުއްވަން އުޅުނު ހާލާއި ރީތިވާން ކުރީގައި ގެންގުޅުނު ވަށިގަނޑުގައި އެކުލެވޭ ތަކެތީގެ ހަނދާނާއި ގަނޑުކުނޑި ޖެހި ހަނދާނާއި ގޭގެ މީހުންނަށް ސިއްރުން މައިލޯ ދަޅު ހުހަށް ކެކުމާއި ފޮތިގަނޑު ހިފައިގެން މަސް ހިފަން ދިއުމާއި "މައުމޫން" އަކީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އަށް ކިޔާ ނަން ކަމަށް ގަބޫލުކުރެވުނު ދުވަސްވަރުގެ ވާހަކަ އާއި މިހެން ވެސް ގޮސް ކިޔާނެ ކަމެއް ނެތެވެ. އެތަކެއް ހަނދާން އަންނަނީ އާ ކުރަމުންނެވެ.

ކުރަން ހަމަ އެންމެ ރަނގަޅު ކަމެކެވެ. ދިރިއުޅުމުގެ ވައްޓަފާޅި އަށް ޒަމާނީ ކިތަންމެ ބޮޑު ބަދަލެއް އަޔަސް، ސޯޝަލް މީޑިއާ އިން އުފަންވާ މި ކަހަލަ ކަންކަމާ ގުޅުވައިގެން އެއް ބަޔަކު އަނެއްބަޔަކާ ގުޅުން ބަދަހިވާން ވެސް މަގުފަހިވެ އެވެ. އެކަކު އަނެކަކު ޓެގްކޮށްފައި "ތީ ކޮން ޖީލެއްތޯ" އަހާލީމަ މިހާރު، އަނެއްކާ ވެސް ހަމަ ހިތްގައިމު ހަނދާންތަކެއް ގެނެސްދޭނެ އެވެ.

ކޮންމެއަކަސް މިއީ މަޖާ ވެސް ކަމެކެވެ. "ތީ ކޮން ޖީލެއްތޯ" އަހާތީ ބައެއް މީހުން ސްޓޭޓަސްގައި ލިޔަނީ ޖީލު ކަށަވަރު ނުވާތީ އެއްޗެއް ބުނަން ވެސް ނޭނގިފައި ތިބެން ޖެހިފައިވާ ކަމަށެވެ.

ދިވެހިންނަކީ ކުރިން ހަމަ ވަރަށް ސާދާ ސީދާ ދިރުއުޅުމެއް އުޅުނު، ވަރަށް އެއްބައިވަންތަ އެކުވެރި ބައެކެވެ. ސޯޝަލް މީޑިއާގައި ހިންގައިލާ ކަންކަމުން މިފަދަ އެތައް ހަނދާންތަކެއް އާކޮށްދޭކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތަކެވެ. މިއީ މައިދާނުން ލިއްބައިދޭ ރަނގަޅެކެވެ.