Last Updated: December 5, 23:15
Tuesday, December 5, 2023
ކުޅިވަރު

ފަހު ވަގުތު ވުލްވްސް އިން ޓޮޓެންހަމް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ވުލްވްސް އިން ޓޮޓެންހަމްގެ މައްޗަށް 2-1 އިން ކުރި ހޯދައިފި އެވެ.

މިއީ ލީގުގައި ޓޮޓެންހަމް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗު ކަމަށްވާއިރު އެޓީމު މިހާރު އޮތީ 12 މެޗު ކުޅެގެން ލިބުނު 26 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. ޓޮޓެންހަމަށް ވުރެ އެއް މެޗު މަދުން ކުޅެގެން 27 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ވުލްވްސް އޮތީ 15 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގަ އެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ޓޮޓެންހަމްގެ ބްރެނަން ޖޯންސަން ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މި ގޯލަށްފަހު ޓޮޓެންހަމް ފެނިގެންދިޔައީ އާދައިގެ ގޮތަކަށް ކަމަށްވާއިރު ވުލްވްސް އިން ވަނީ މެޗުގެ ތެރެއަށް ވަދެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މި މެޗުގައި ވުލްވްސް އިން ގިނަ ފުރުސަތުތަކެއް ނަގާލިއިރު އެޓީމަށް ގޯލެއް ކާމިޔާބު ކުރެވުނީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ. އެގޮތުން މި ގޯލު ވުލްވްސް އަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕަބްލޯ ސަރާބިއާ އެވެ.

އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓް ދެއްކި އިރު ނަތީޖާ އެއްވަރުކުރުމަށްފަހު ވުލްވްސް އިން ދިޔައީ ޓޮޓެންހަމްގެ ފަހަތަށް ބާރުބޮޑުކުރަން މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ މާރިއޯ ލެމީނާ ވަނީ ވުލްވްސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.

ލީގުގައި ޓޮޓެންހަމް ދެން ބައްދަލުކުރާނީ އެސްޓަންވިލާއާ އެވެ. ވުލްވްސް ނިކުންނާނީ ފުލަމްއާ ދެކޮޅަށެވެ.