Last Updated: July 27, 09:53
Saturday, July 27, 2024
ކުޅިވަރު

ފަހު ވަގުތު ސިޓީ އަތުން ޗެލްސީ އަށް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 4-4 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ނަތީޖާއާ އެކު ސިޓީ ލީގުގެ އެއްވަނައިގައި މިހާރު އޮތީ 12 މެޗުން ލިބުނު 28 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 27 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު ޗެލްސީ އޮތީ 16 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ 25 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އާލިން ހާލަންޑް ވަނީ ސިޓީ އަށް ކާމިޔާބުކޮށްދީފަ އެވެ. މިއީ ހާލަންޑަށް ޗެލްސީގެ ޑިފެންޑަރު މާކް ކުކުރެލާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓްފަހުން ތިއާގޯ ސިލްވާ ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދިން އިރު ރީސް ޖޭމްސް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 37 ވަނަ މިނެޓްގައި ސިޓީ އަށް ކުރިން ކުޅުނު ރަހީމް ސްޓާލިން ވަނީ ޗެލްސީ އަށް ލީޑު ނަގައި ދީފަ އެވެ.

ޗެލްސީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް ހާފްގެ ފަހު ވަގުތުކޮޅުތެރޭ ސިޓީގެ ޑިފެންޑަރު މަނުއަލް އަކަންޖީ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ޗެލްސީގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ހާލަންޑް ވަނީ ސިޓީ އަށް އަލުން ލީޑު ނަގައިދީފަ އެވެ.

ސިޓީ އަށް ލީޑު ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު މެޗުގެ 67 ވަނަ މިނެޓްގައި ނިކޮލަސް ޖެކްސަން ވަނީ ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 86 ވަނަ މިނެޓްގައި ރޮޑްރީގެ ގޯލުން ސިޓީން އަލުން ލީޑު ނެގިއިރު ޗެލްސީން ނަތީޖާ އެއްވަރުކުރީ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުންނެވެ.

ޗެލްސީގެ ޒުވާން ފޯވާޑް އާރްމަންޑޯ ބްރޯހާ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލައިގެން ޗެލްސީ އަށް މި މެޗުން ޕޮއިންޓެއް ކަށަވަރުކޮށްދިނީ ސިޓީ ދޫކޮށް މި ސީޒަނުގައި ޗެލްސީއާ ގުޅުނު ކޯލް ޕާމާ އެވެ.

ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ދެވަނައިގައި އޮތް ލިވަޕޫލްއާ އެވެ. ޗެލްސީ ރަށުން ބޭރުގައި ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.