Last Updated: July 27, 09:39
Saturday, July 27, 2024
ދުނިޔެ

އައިޕެޑްގެ އާ މޮޑެލްތަކެއް އަންނަ އަހަރު

އަންނަ އަހަރުގެ އައިޕެޑްގެ އާ މޮޑެލްތަކެއް އެޕަލް އިން ނެރޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެޕަލް ކުންފުނީގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ތިލަކޮށްދޭ އެނިލިސްޓް މިންގު-ޗީ ކުއޯ ބުނި ގޮތުގައި އަންނަ އަހަރު އައިޕެޑް އެއާގެ އާ ވާޝަންތަކެއް ނެރޭނެ އެވެ. މީގެ ތެރެއިން އެކައްޗަކީ އަލަށް އެޕަލް އިން އޯލެޑް ޑިސްޕްލޭ ހިމަނައިގެން ނެރެން ހަމަޖެހިފައިވާ އައިޕެޑް ޕްރޯ އެވެ.

އަންނަ އަހަރުގެ ނެރޭ އައިޕެޑްގެ މޮޑެލްތަކުގެ ތެރޭގެ ދެ ސައިޒެއް އެކުލެވޭނެ އެވެ. އެއީ 10.9 އިންޗީގެ ޑިސްޕްލޭގެ އިތުރުން 12.9 އިންޗީގެ ޑިސްޕްލޭ އެކުލެވޭ އައިޕެޑެވެ. އަދި މި ފަހަރުގެ އައިޕެޑް ކަލެކްޝަންގެ ޗިޕް ވެސް ތަފާތުވާނެ އެވެ. އެގޮތުން މީގައި ބޭނުންކޮށްފައި ވާނީ މި އަހަރުގެ ސެޕްޓެމްބަރުގައި ނެރުނު އައިފޯން 15 ގައި ވެސް ބޭނުންކޮށްފައިވާ އެމް3 ޗިޕް ކަމަށް ކުއޯ ބުނެ އެވެ.

ނަމަވެސް އާ އައިޕެޑް ކަލެކްޝަން ނެރޭނެ ސީދާ ތާރީހަކާއި އަގުތަކެއް އޭނަ ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު ކުއާ ބުނެފައި ވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އައިޕެޑްގެ އާ ކަލެކްޝަން ދައްކައިލާނެ ކަމަށެވެ.