Last Updated: December 5, 23:15
Tuesday, December 5, 2023
ޚަބަރު

ފަސް އަހަރުތެރޭ ކުޅިވަރަށް އިންގާލީ ބަދަލެއް ގެނެވިއްޖެ

މި ފަސް އަހަރުތެރޭ ހަވާލުކުރި މަސްއޫލިއްޔަތުތައް އަދާކުރެވިފައިވާ ކަމަށާއި ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެވިފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މި ވެރިކަން ނިމެން ބާކީ ހަތަރު ދުވަހަށް ވެފައިވާއިރު މަހުލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 17 ނޮވެމްބަރ 2018 ވަނަ ދުވަހު ހަވާލުކުރި މަގާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށްފަހު ގެއަށް ވަޑައިގަންނަވަނީ ވަރަށް ވެސް ހިތްހަމަޖެހުމާއެކު ކަމަށެވެ. އެގޮތުން މިއިން ޒަމާނަކު ޔޫތު މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ނުކުރާހާ ގިނަ މަސައްކަތް ކޮށްދެވިފައިވާ ކަމަށާއި 700 އާއި ގާތްކުރާ އަދަދަށް ތަރައްޤީގެ ޕްރޮޖެކްޓުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ނިމި އަދި ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސް ތާރީހުގައި ލިބުނު އެންމެ ބޮޑެތި ބައިނަލްއަޤުވާމީ ކާމިޔާބީ ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްދެވުނުކަމުގެ އުފާ ލިބޭ،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި އަބަދުވެސް ބެއްލެވީ ހުރިހާ ރަށަކަށް ވެސް ވީހާވެސް ގިނަ މަސައްކަތް ކޮށްދެވޭތޯ އެވެ. އަދި މަގާމުން ވަކިވެގެންދާއިރު އަމަލީ މަސައްކަތް ނުފެށުނީތީ ދެރަވާ ބައެއް ކަންކަން އެބަހުރި ކަމަށާއި އޭގެތެރޭގައި ސުވިމިންގް ޕޫލެއް ތަރައްގީކުރުމަށް ސުވިމިންގް އެސޯސިއޭޝަން އާއިއެކު ވެވުނު އެއްބަސްވުމާއެއި އެއްގޮތަށް ޕޫލު ތަރައްގީ ކުރަން ނުފެށުމާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގާއިމްކުރާ ގަލޮޅު ފުޓުބޯޅަ ދަނޑު، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫގެ ސިންތެޓިކް ޓްރެކު، ނެޝަނަލް ޓީޓީ ސެންޓަރު، ނެޝަނަލް ބާސްކެޓު ބޯޅަ އެރީނާ އަދި ނެޝަނަލް ވޮލީބޯލް ޓްރެއިނިންގ ސެންޓަރުގެ އަމަލީ މަސައްކަތް ނުފެށުނީތީ ދެރަވާ ކަމަށް ވިދާޅުވި އެވެ.

"ކުރެވުނު މަސައްކަތަށް ޖުމްލަކޮށް އަޅުގަނޑު މިހުރީ ވަރަށް ހިތްހަމަޖެހިފަ. މިވޭތުވި 5 އަހަރު ތެރޭގައި އެގުމާއި ނޭގުމުގެ ތެރެއިން ނަމަވެސް އެއްވެސް ރަށަކަށް އަދި އެއްވެސް ރައްޔިތަކަށް ދެރައެއް ނުވަތަ ތަފާތެއް ކުރެވިފައިވާނަމަ މަޢާފަށް އެދެން،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވަނީ އަންނަ އަހަރު ކުރީކޮޅު ބާއްވާ މާލޭ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެކަން މީގެކުރިން އިއުލާންކޮށްފަ އެވެ.