މީގެ ތިން އަހަރު ކުރިން ކުރިމަތިލާން ޖެހުނު ކޮވިޑް ވަބާއާ ވިދިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަލުން ކޮޅަށް ޖަހަން ސަރުކާރުން ކުރި މަސައްކަތް ދައްކުވައިދޭ ޑޮކިއުމަންޓަރީއެއް ނެރެން ތައްޔާރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ހެދި މި ޑޮކިއުމަންޓަރީގެ ނަމަކީ "ދަ ރެސީލިއަންޓް މޯލްޑިވްސް: ޓޫރިޒަމް ރިކަވަރީ ފްރޮމް ކޮވިޑް-19" އެވެ. މިހާރު ޓްރެއިލާއެއް ވެސް ދައްކާލާފައިވާ މި ޑޮކިއުމަންޓަރީ އާންމުކުރަން ހަމަޖެހިފައި ވަނީ މާދަމާ ރެ އެވެ.
ރާއްޖެ އަކީ ކޮވިޑްގެ ސަބަބުން އިގުތިސާދީ ގޮތުން އެންމެ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހުނު އެއް ގައުމެވެ. ސަބަބަކީ ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބިނާވެފައި އޮތުމެވެ. ކޮވިޑްގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރެވި، ދަތުރުފަތުރުތައް ހުއްޓުމަކަށް އައުމާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން އައުން އެއްކޮށް ހުއްޓި، ހުރިހާ ޓޫރިސްޓް ފެސިލިޓީތަކެއް ބަންދުކުރަން ޖެހުނެވެ. މީގެ ތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިމެނެ އެވެ.
ކޮވިޑްގެ ތެރޭގައި އެފަދަ ބައެއް ފެސިލިޓީތައް ބޭނުންކުރީ ކަރަންޓީނު ފެސިލިޓީތަކެއްގެ ގޮތުގަ އެވެ.
ކޮވިޑާ އެކީ ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އައި ނަމަވެސް، ރާއްޖެ ފާހަގަކުރެވެނީ މި ވަބާއިން އެންމެ އަވަހަށް އަރައިގަނެ، އިގުތިސާދު ކޮޅަށް ޖެހި ގައުމަށެވެ. އެކަން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވެސް ފާހަގަކުރެ އެވެ.
ރާއްޖެ އަކީ މިހާރު އަނެއްކާ ވެސް ކޮވިޑްގެ ކުރިން ޓޫރިޒަމް ދާއިރާ އޮތް ހާތަލަށް ގެނެސްފައިވާ ގައުމެކެވެ. ދުނިޔޭގެ އެތައް ގައުމަކުން ޓޫރިސްޓުން އަންނަ އިރު، އެތައް އެއާލައިނެއް ރާއްޖެ އަށް ދަތުރުކުރެވެ އެވެ.
ރާއްޖެ އަކީ ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު އެއް ގައުމެވެ.