Last Updated: April 30, 21:43
Tuesday, April 30, 2024
ދުނިޔެ

ނޭޕާލްގައި ޓިކްޓޮކް މަނާކޮށްފި

އިޖުތިމާއީ ހަމަޖެހުމަށް ބުރޫއެރުމަށް މަފުފަހިވާ ކަމަށް ބުނެ ނޭޕާލްގައި ޓިކްޓޮކް މަނާކޮށްފި އެވެ.

މިކަމާ ބެހޭ ގޮތުން އެ ގައުމުގެ ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ރޭކާ ޝަރުމާ ވިދާޅުވީ ޓިކްޓޮކް މަނާކުރަން މަޖުބޫރުވީ އޭގެ ސަބަބުން އިޖުތިމާއި ވަރަށް ގިނަ ކަންކަމަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާތީ ކަމަށެވެ.

"އިޖުތިމާއި ހަމަޖެހުން ހާއްސަކޮށް، އާއިލީ ގުޅުންތައި އިޖުތިމާއީ އާންމު އުސޫލުތަކާއި ހަމަތަކާއި އާދަކާދާތަކަށް ޓިކްޓޮކްގެ ސަބަބުން ނޭދެވޭ އަސަރުކުރަމުންދާތީ ކެބިނެޓުން ނިންމީ އެ މަނާކުރަން." އޭނަ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

ނަމަވެސް ކެބިނެޓުން ހޯމަ ދުވަހު ނިންނި ނިންމުން ދިފާއުކުރައްވައި ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމަލް ދަހާލް ވިދާޅުވީ ޓިކްޓޮކް މަނާކުރީ އެކަމާ ގުޅޭ ގޮތުން ވަރަށް ގިނަ މަޝްވަރާތަކެއް ކުރެއްވުމަށް ފަހު، ވަރަށް ގިނަ ބައެއްގެ ރުހުމާ އެކީގައި ކަމަށެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ ޕާޓީގެ އިތުރުން އިދިކޮޅު ޕާޓީ ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ނޭޕާލުން ޓިކްޓޮކް މަނާކުރި އިރު، ކަމާބެހޭ ފަރާތްތަކުން ބުނެފަިއ ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ އެޕް މެދުވެރިކޮށް ނޭޕާލްގައި ހިންގި ސައިބަ-ކްރައިމްތަކުގެ އަދަދު ވެސް 1،600 އަރާ ކަމަށެވެ. އެ ގައުމުގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 120 މިލިއަނަށް އަރަ އެވެ.

ކުރު ވީޑިއޯތައް އަޕްލޯޑްކުރަން ހާއްސަ ޓިކްޓޮކަކީ ޗައިނާގެ ބައިޓްޑާންސުން ހިންގާ އެއްޗެކެވެ. މި އެޕަށް މީގެ ކުރިން ބައެއް އެހެން ގައުމުތަކުން ވެސް ފިޔަވަޅު އަޅާފައިވެ އެވެ. އޭގެ ތެރޭގައި އިންޑިއާ އަދި ޕާކިސްތާން ހިމެނެ އެވެ. އެމެރިކާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހާއި ސަރުކާރުގެ އިދާރާތަކުުގައި ޓިކްޓޮކް ބޭނުން ކުރުން މަނާކޮށްފައިވެ އެވެ.

އެމެރިކާ އަކީ ޓިކްޓޮކް އެއްކޮށް މަނާކުރަން މަސައްކަތްކުރާ ގައުމެކެވެ. އެ ގައުމުން ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ވާގިދޭ، އަދި އެ ގައުމުގެ އަސްކަރިއްޔާ ޖާސޫސްކޮށްދޭން މަގުފަހިވާ ގޮތަށް ހިންގާ އެޕެކެވެ. އެހެންވެ އެމެރިކާ އިން ޓިކްޓޮކް ސިފަކުރަނީ ގައުމީ ސަލާމަތަށް ނުރައްކާ އެޕެއްގެ ގޮތުގަ އެވެ.

ނޭޕާލްގެ ނިންމުމާ ގުޅިގެން ޓިކްޓޮކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.