Last Updated: October 24, 18:51
Thursday, October 24, 2024
ދުނިޔެ

މަރާލި ނޫސްވެރިންގެ އަދަދު 42 އަށް

އިޒްރޭލުން މިދިޔަ މަހުން ފެށިގެން ފަލަސްތީނަށް ހަމަލާ ދޭން ފެށި ފަހުން، މިހާތަނަށް އެ ސަރަހައްދުން 42 ނޫސްވެރިން މަރާލާފައިވާ ކަމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނެފި އެވެ.

އެތަނުން ބުނީ މަރާލި ނޫސްވެރިންގެ އަދަދު މަދުވެގެން 42 އެރި އިރު، ބައެއް ނޫސްވެރިން ވީނުވީއެއް ނޭނގި ގެއްލި، ބައެއް ނޫސްވެރިން ޒަހަމްވެގެން ފަރުވާ ވެސް ހޯދަމުން އަންނަ ކަމަށެވެ. އަދި 13 ނޫސްވެރިޔަކު ހައްޔަރު ވެސް ކޮށްފައިވާ ކަމަށް ސީޕީޖޭ އިން ބުންޏެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރޭގައި ނޫސްވެރިންނަށް ހަމަލާދޭތީ، ނޫސްވެރިން ތަމްސީލުކުރާ އެތައް ޖަމާއަތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މަރާލި ނޫސްވެރިންގެ ތެރޭގައި ގިނައީ ފަލަސްތީނުގެ ނޫސްވެރިންނެވެ. އެގޮތުން އެކި މީޑިއާތަކުގައި މަސައްކަތްކުރާ އެ ގައުމުގެ 37 ނޫސްވެރިޔަކު މިހާތަނަށް މަރާލާފައިވާ އިރު، އިޒްރޭލުގެ ހަތަރު ނޫސްވެރިޔަކާއި ލުބްނާންގެ ނޫސްވެރިޔަކު ވެސް މަރުވި ނޫސްވެރިންގެ ތެރޭގައި ހިމެނެ އެވެ.

މަރުވި ނޫސްވެރިންގެ ތެރެއިން ގިނަ ނޫސްވެރިންނަކީ ފޮޓޯޖާނަލިސްޓުންނާއި ވީޑިއޮގްރާފަރުންނެވެ. މީގެ ތެރޭގައި އަލް ޖަޒީރާ އާއި ރޮއިޓާސް އާއި އޭއެފްޕީ ފަދަ އެޖެންސީތަކުގެ ނޫސްވެރިން ހިމެނެ އެވެ.

ނޫސްވެރިން މަރަމުންދާތީ މީޑިއާތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ވިއްދައިގެން ރައްދުގައި އިޒްރޭލުގެ ސަލާމަތީ ބާރު (އައިޑީއެފް) އިން ވަނީ މި ހާލަތުގައި ނޫސްވެރިންގެ ރައްކާތެރި ކަމަށް އެއްވެސް ގެރެންޓީްއެއް ނުދެވޭނެ ކަމަށް ބުނެ އެވެ.

އިޒްރޭލުން ދަނީ މިދިޔަ މަހުގެ 7 އިން ފެށިގެން ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އެތަކެއް ޖަރީމާތަކެއް ހިންގަމުންނެވެ. އަދި މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.