Last Updated: December 5, 22:37
Tuesday, December 5, 2023
ދުނިޔެ

އިޒްރޭލަކީ ޓެރަރިސްޓު ދައުލަތެއް: އުރުދުގާން

އިޒްރޭލަކީ ޓެރަރިސްޓު ދައުލަތެއް ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭ ޕާޓީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އުރުދުގާން ވިދާޅުވީ އިޒްރޭލަކީ ޓެރަރިސްޓު ދައުލަތެއް ކަމަށާއި އިޒްރޭލުން މިހާރު ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަނީ ޓެރަރިސްޓު އަމަލުތަކެއް ކަމަށެވެ. އިޒްރޭލުން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ބުނާއިރު ހަމާސް އަކީ ފަލަސްތީނު ރައްޔިތުންގެ ވޯޓާއެކު މީހުން މަގާމުތަކަށް އިންތިހާބުކޮށްގެން ހިންގާ ޖަމާއަތެއް ކަމަށްވެސް އުރުދުގާން ވިދާޅުވި އެވެ.

ގާޒާ އަށް ނިއުކްލިއާ ބޮމެއް ވައްޓާލަން އިޒްރޭލު ސަރުކާރުގެ ވަޒީރަކު ދާދިފަހުން ގޮވާލާފައިވާއިރު އުރުދުގާން ވަނީ ނިއުކްލިއާ ހަތިޔާރު ހުރިކަން ނުވަތަ ނޫންކަން އިޒްރޭލުން ދުނިޔެ އަށް ބުނެދޭންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އިޒްރޭލުން މިހާރު ގާޒާގައި ހިންގަނީ ހަނގުރާމައެއް ނޫން ކަމަށާއި ހަނގުރާމައިގައި ވެސް އުސޫލުތަކާއި ހަމަތަކެއް ހުންނަކަން ފާހަގަކުރައްވަމުން އުރުދުގާން ވަނީ ގާޒާގެ 2 މިލިއަން މީހުން މަރާލާން ނިއުކްލިއާ ބޮމެއް އަޅާ ވާހަކަ އިޒްރޭލުން ދެއްކުމަކީ ބިރުވެރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"ނަތަންޔާހޫ އަށް ގޮވާލަން ނިއުކްލިއާ ހަތިޔާރު ހުރިކަން ނުވަތަ ނޫންކަން ހާމަކުރަން. ހީއެއް ނުވޭ އޭނާ އެކަން ކުރާނެހެން. ނަތަންޔާހޫ އަށް މީހުންނަށް ބިރު އެކި ގޮތްގޮތުން ވެސް ދެއްކިދާނެ. އެކަމަކު ނަތަންޔާހޫގެ ނިމުން އޮތީ ގާތުގައި،" އުރުދުގާން ވިދާޅުވި އެވެ.

އުރުދުގާން ވަނީ އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ސިޔާސީ ލީޑަރުންނާއި އަސްކަރިއްޔާގެ އިސްވެރިން ޝަރީއަތަށް ހާޒިރުކުރަން ތުރުކީން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުން އަންނަތާ މަހެއް ވެފައިވާއިރު މި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.