އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިސްތިއުފާ އަށް އިޒްރޭލުގެ އިދިކޮޅު ލީޑަރު ޔައީރް ލަޕިޑް ގޮވާލައިފި އެވެ.
އިޒްރޭލުގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ލަޕިޑް ވިދާޅުވީ އިޒްރޭލުގެ އާންމު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މީހަކު ބޮޑުވަޒީރު ކަމުގައި ހުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ނަތަންޔާހޫ މަގާމުން ދުރަށްދާންޖެހޭ ކަމަށެވެ. އަދި މިވަގުތު އިޒްރޭލަށް ބޭނުން ވަނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ސަރުކާރެއް ކަމަށާއި ނަތަންޔާހޫއާއެކު އިޒްރޭލު ދަނީ މުޅިން ނުބައި ދިމާލަކަށް ކަމަށްވެސް ލަޕިޑް ވިދާޅުވި އެވެ.
"ސަރުކާރެއް ވެސް ރަނގަޅަކަށް ނުހިނގާ. މިއީ ބަދަލެއް ބޭނުންވާ ވަގުތު. ނަތަންޔާހޫ އަށް ބޮޑުވަޒީރު ކަމުގައި ދެން ހުރެވިގެން ނުވާނެ،" ލަޕިޑް ވިދާޅުވި އެވެ.
ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވާލާ އިޒްރޭލުގެ އެކި ސަރަހައްދުތަކުގައި އަންނަނީ މުޒާހަރާތައް ވެސް ބާއްވަމުންނެވެ. އެ މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކުން އަންނަނީ ފަލަސްތީނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލައި ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައިވާ އިޒްރޭލު ރައްޔިތުން އަނބުރާ ގައުމަށް ގެނެސްދޭން ގޮވާލަމުންނެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް އިޒްރޭލަށް ދިން ހަމަލާއާއެކު ނަތަންޔާހޫގެ މަގުބޫލުކަން އިޒްރޭލުގައި ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. އެގޮތުން އިޒްރޭލުގެ އިންޓެލިޖެންސް ފެއިލްވުމުގެ ޒިންމާ ނަގަން ނަތަންޔާހޫ ދެކޮޅު ހަދަމުންދާއިރު އިޒްރޭލު ރައްޔިތުން އެކަމުގެ ޒިންމާ އެންމެ ބޮޑަށް އަޅުވަމުންދަނީ ނަތަންޔާހޫގެ ބޮލުގަ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި އިޒްރޭލުގެ ފަލަސްތީނުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް އަންނަނީ ވަރުގަދަކުރަމުންނެވެ. އެގޮތުން އިޒްރޭލު ސިފައިން ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލަށް ވަދެގަނެ އޮޕަރޭޝަނެއް ހިންގަމުންދާއިރު އެ ހޮސްޕިޓަލުގައި ގިނަ އަދަދަކަށް ބަލި މީހުންނާއި ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުން އެބަތިއްބެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުން އަންނަތާ މަހެއް ވެފައިވާއިރު މި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.