Last Updated: December 5, 23:15
Tuesday, December 5, 2023
ދުނިޔެ

ގާޒާގެ ކެންސަރު ބަލީގެ މީހުން ތުރުކީ އަށް

ފަލަސްތީނުގެ ގާޒާގެ ކެންސަރު ބަލީގެ ބައެއް މީހުން އިތުރު ފަރުވާ އަށް ތުރުކީ އަށް ގެންގޮސްފި އެވެ.

ތުރުކީގެ ހެލްތު މިނިސްޓަރު ފަހްރެޓިން ކޯޗާ ވިދާޅުވީ ގާޒާގެ ކެންސަރު ބަލި މީހުންގެ ތެރެއިން ތުރުކީ އަށް ގެނެސްފައިވަނީ 27 މީހުން ކަމަށާއި އެމީހުންނާއެކު އެހީތެރިންގެ ގޮތުގައި 13 މީހަކު ވެސް އައިސްފައިވާ ކަމަށެވެ.

ތުރުކީ އަށް ގެންދިޔަ ގިނަ ކެންސަރު ބަލި މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިން ކަމަށްވާއިރު ތުރުކީން ވަނީ ގާޒާގެ ކެންސަރު ބަލީގެ 1،000 މީހަކަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފަ އެވެ.

ތުރުކީން މިހާތަނަށް ވަނީ އިންސާނީ އެހީގެ ގޮތުގައި 200 ޓަނުގެ ތަކެތި ގާޒާ އަށް ފޮނުވާފަ އެވެ. އަދި ގާޒާގެ ރަފާހް ބޯޑަރު ކައިރީގައި ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ތުރުކީން ހޮސްޕިޓަލެއް ވެސް ގާއިމުކޮށްފަ އެވެ.

ގާޒާގައި ހުންނަ ކެންސަރު ބައްޔަށް ފަރުވާދޭ ހަމައެކަނި ހޮސްޕިޓަލަކީ ޓާކިޝް-ޕަލަސްޓީނިޔަން ފްރެންޑްޝިޕް ހޮސްޕިޓަލެވެ. ނަމަވެސް އެ ހޮސްޕިޓަލަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ތެޔޮ ހުސްވުމާ ގުޅިގެން އެތަން ވަނީ ބަންދުކޮށްފަ އެވެ. ހޮސްޕިޓަލް ބަންދުކުރި އިރު އެތަނުގައި ކެންސަރަށް ފަރުވާ ހޯދަމުންދިޔަ 70 މީހުން ތިއްބެވެ.

މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 12،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.