މާދަމަ އަކީ ރާއްޖެ އަށް އަނެއްކާ ވެސް ތާރީހީ ދުވަހެކެވެ. އިންތިހާބީ ރައީސް ޑޜ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެ އެވެ.
އެ ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ކުރިއަށް ގެންދާ އިރު، ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު 4:00 ގައި ޖުމްހޫރީ މައިދާންގަ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވަ އެވެ. އިންތިހާބު ދެ ބުރަކަށް ބާއްވަން ޖެހުނު އިރު، ފުރަތަމަ ބުރު ބޭއްވީ ސެޕްޓެމްބަރު މަހުގެ 9 ގަ އެވެ. އަދި 8 ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އެ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދަވައިގެން ދެވަނަ ބުރަށް ދިޔައީ މުއިއްޒާއި ރައީސް ސޯލިހެވެ.
ދެވަނަ ބުރު އޮތީ ސެޕްޓެމްބަރު 30 ގަ އެވެ. އިންތިހާބުގެ ދެ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ މުއިއްޒެވެ. އެ މަނިކުފާނު އިންތިހާބު ކާމިޔާބުކުރެއްވީ 129،159 ވޯޓުންނެވެ. އެއީ ވޯޓްލީ މީހުންގެ 54.04 ޕަސެންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 45.96 ޕަސެންޓެވެ.
މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވި އިރު ހުންނެވީ މާލޭގެ މޭޔަރުގެ މަގާމުގަ އެވެ. މުއިއްޒަކީ ރައީސް އަބްދުﷲ ޔާމީނާއ ޑރ. ވަހީދުގެ ސަރުކާރުގައި ހައުސިން މިނިސްޓަރ ކަން ކުރެއްވި ބޭފުޅެކެވެ. ނައިބް ރައީސަކީ ފަރެސްމާތޮޑާ މަޖިލިސް މެންބަރުގެ ގޮތުގައި ހުންނެވި މުހައްމަދު ހުސައިން ލަތީފު (ސެމްބެ) އެވެ.
މުއިއްޒު ވެރިކަމާ ހަވާލުވެވަޑައގަތިމުގެ ވަގުތު ކުޑަތަންވަމުން އަންނަ އިރު، ރޭ ވަނީ އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ކަންކަން ވެސް އިއުލާންކުރައްވައިފަ އެވެ. އޭގެ ތެރޭގައި 161 ވައުދެއް ހިމެނެ އެވެ. ރޭގެ ރަސްމިއްތާތުގައި ވަނީ މުއިއްޒު ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރަސްމީކޮށް ނިންމެވި ހިސާބުން ފެށިގެން ސެޕްޓެމްބަރު މަހުގެ 29 އާ ހަމައަސް ދެއްކެވި ވާހަކަތަކާއި ކެމްޕޭން ދަތުރުތަކާ ބެހޭ ފޮތެއް ވެސް ނެރެފަ އެވެ. ޖުމްލަ 900 ސޮފުހާގެ އެ ފޮތުގެ ނަމަކީ "ދިވެހީންގެ ރާއްޖެ: ޑރ. މުހައްމަދު މުއިއްޒު" އެވެ.
މުއިއްޒު ރޭ ވިދާޅުވީ ބޭނުންވެވަޑައިގަންނަވަނީ ނަތީޖާ ނެރޭ، ތަފާތު ހެޔޮވެރިކަމެއް ކުރައްވަން ކަމަށެވެ. މާދަމާ އެ މަނިކުފާނު އެ ނުކުންނަވަނި އެ ދަތުރަކަށެވެ. އެއީ ކުރިއަށް އޮތް ފަސް އަހަރަށެވެ.
ރާއްޖޭގައި ވެރިކަން ކުރެއްވި ބޭބޭފުޅުންގެ ތެރޭގައި ރައީސް ސޯލިހު، ރައީސް ޔާމީން، ޑރ. ވަހީދު، މުހައްމަދު ނަޝީދު، މައުމޫން އަބްދުލް ގައްޔޫމް، އިބްރާހީމް ނާސިރު އަދި އަމީންދީދީ ހިމެނިވަޑައިގަނެ އެވެ.