Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް ޑިސެމްބަރުގައި

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމ.ްއެމ.ްޑަބްލިއ.ުއެމް) އަދި އުރީދޫ ގުޅިގެން ބާއްވާ ތިންވަނަ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

މިކާނިވަލްގެ މިއަހަރު ޕާޓްނަރުންގެ ގޮތުގައި، އާބަންކޯ އަދި ޤައުމީ ކްރިކެޓް ބޯޑުން ބައިވެރިވާ ކަމަށް މިޝަން ފޯ މައިގްރެންޓް ވޯކާސްއިން ބުނެއެވެ. މިފަހަރު ކާނިވަލްގެ ތެރެއިންވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ކްރިކެޓް ކާނިވަލްގެ ތެރެއިންެވެސް، ބިދޭސީ މަސައްކަތްތެރިންނަށް ހިލޭ ހެލްތު ސްކްރީނިންގް ހަދައި ދިނުމާއި، ޤާނޫނީ ލަފާ ދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ޖަމީއްޔާއިން ބުނެއެވެ.

މިއަހަރު ކާނިވަލް ކުރިން އަހަރުތަކަށް ވުރެ ކުލަ ގަދަ ކުރުމަށް 40 ޓީމަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކާނިވަލްގައި، ފުޑް ސްޓޯލްތަކާއި، ކުޅިވަރު ހަރަކާތްތަކަށް ސްޓޯލްތައް ހިމަންން ވަނީ ހަމަޖެހިފައެވެ.

މިފަހަރު އަލަށް އާބަންކޯ އަދި ކްރިކެޓް ބޯޑުން ހަރަކާތުގައި ބައިވެރިވާ ކަމަށް އެ ޖަމީއްޔާއިން ބުނެއެވެ. އަދި މިދިޔަ ދެ އަހަރުވެސް އަދި މިއަހަރުވެސް މި ހަރަކާތް މި ބޭއްވެނީ އުރީދޫގެ ބޮޑު އެހީތެރިކަމަކާއި އެކުކަން ޖަމީއްޔާއިން ފާހަގަ ކުރެއެވެ.

ރާއްޖޭގެ ބިދޭސީ މަސައްކަތްތެރިންގެ ހައްޤޫގައި މަސައްކަތް ކުރާ މިޝަން ފޯ މައިގްރެންޓް ވޯކާސް އޮފް މޯލްޑިވްސް އާއި އެކު މިދިޔަ އަހަރު ތަކުގައި، ހެލްތު ސްކްރީނިންގް ތައް ހެދުމާއި އެކި މަޢުލޫމާތު ދިނުމަށް، ތަފާތު ޖަމީއްޔާތަކާއި ސަރުކާރުގެ އިދާރާތަކާއި އެކު މަސައްކަތް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޑަބްލިއުއެޗްއޯ، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން، މެޑިކޯސް، އެޗްޕީއޭ އަދި ލައިފް ސަޕޯޓް ހިމެނެއެވެ.

މީގެ އިތުރުން ޤާނޫނީ ލަފާ ދިނުމަށް، ޓްރާންސްޕޭރެންސީ މޯލްޑިވްސް، ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ބައިވެރިވެފައި ވެއެވެ. މިއަހަރުގެ ކާނިވަލްގައިވެސް ޤާނޫނީ ބަޔާއި ސިއްޙީ ބައި ކުރިއަށް ގެންދާނެ ކަމަށް މައިގްރެންޓް ވޯކާސް މިޝަން އިން ބުނެއެވެ. އަދި ދިވެހި ރެޑް ކްރެސެންޓުން ފުރަތަމަ އެހީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވެއެވެ.