އިޒްރޭލުގެ ޕްލޭންތައް ފެއިލްވެފައިވާ ކަމަށާއި ހަނގުރާމަ އިން ކާމިޔާބު ހޯދާނެ ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނެފި އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނީއްޔާ ވިދާޅުވީ އިޒްރޭލުން އެތައް ހަފްތާއެއް ވަންދެން ފަލަސްތީނުގެ އާންމުންނާއި ދެކޮޅަށް ހަމަލާތައް ދެމުންދިޔަ ނަމަވެސް އިޒްރޭލުގެ ޕްލޭންތައް ފަލަސްތީނު ރައްޔިތުން ފެއިލްކޮށްލާފައިވާ ކަމަށެވެ. އަދި އިޒްރޭލަށް މިހާތަނަށް ހަނގުރާމަ އިން ހާސިލުކުރަން ބޭނުންވި އެއްވެސް ކަމެއް ހާސިލުކުރެވިފައި ނުވާ ކަމަށާއި އިޒްރޭލުން ދިގު މުއްދަތަކަށް ހަނގުރާމަ ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ހަމާސް އޮތީ ތައްޔާރަށް ކަމަށް ހަނީއްޔާ ވިދާޅުވި އެވެ.
"އެއްވެސް ޝައްކެއް ނެތް، ހަނގުރާމަ އިން ކާމިޔާބު ހޯދާނަން،" ހަނީއްޔާ ވިދާޅުވި އެވެ.
އިޒްރޭލުން މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެގައުމުން ވަނީ 12،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި އިޒްރޭލުގެ ފަލަސްތީނުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް އަންނަނީ ވަރުގަދަކުރަމުންނެވެ. އެގޮތުން އިޒްރޭލު ސިފައިން ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލަށް ވަދެގަނެ އޮޕަރޭޝަނެއް ހިންގަމުންދާއިރު އެ ހޮސްޕިޓަލުގައި ހަމާސް ޖަމާއަތުން ކޮމާންޑު ސެންޓަރެއް ހިންގަމުންދާ ކަމަށް އިޒްރޭލުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ހެއްކެއް އިޒްރޭލަށް މިހާތަނަށް ދެއްކިފައެއް ނުވެ އެވެ.